ކައުންސިލަރުންނަކީ ތަރައްޤީއަށްޓަކައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް މުގުލުގައި ތިބޭ ލީޑަރުން!

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައަޅުއްވާފައިވާ 21 ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްތައް ފިޔަވައި ކޮންމެ އިދާރީ ދާއިރާއެއްގައި އަތޮޅު ކައުންސިލެއް އަދި މ...

19 Mar 2021 | 02:39

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައަޅުއްވާފައިވާ 21 ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްތައް ފިޔަވައި ކޮންމެ އިދާރީ ދާއިރާއެއްގައި އަތޮޅު ކައުންސިލެއް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަންޖެހެއެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބޭ ތަންތަނުގައި ސިޓީކައުންސިލެއް އުފައްދަންޖެހެއެވެ. މި ކައުންސިލްތަކުގައި ރަށު ލެވެލްގައި، އަތޮޅު ލެވެލްގައި އަދި ސިޓީ ލެވެލްގައި މަސައްކަތްކުރުމަށް ރައްޔިތުންގެ ފަރާތުން އިންތިޚާބުކުރާ ފަރާތްތަކަކީ ކައުންސިލަރުންނެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުވައިދިނުމާއި، ރަށްރަށުގެ ތަރައްޤީއަށް ނިންމުންތައް ނިންމައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބަސްކިޔަން ތިބޭ ބަޔަކީ ކައުންސިލަރުންނެވެ. ކައުންސިލަރުންނަކީ ލޯކަލް ޕޮލިޓީޝަނުންނެވެ. އަދި ހަމަ އެހެންމެ އެއީ ތަރައްޤީއަށްޓަކައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް މުގުލުގައި ތިބޭ ލީޑަރުންނެވެ. އަދި ރައްޔިތުންގެ ފަރާތުން މަސައްކަތްކުރުމަށް އާނބަސްދީފައިވާ ރައްޔިތުންގެ މަންދޫބުންނެވެ. ކައުންސިލަރުންނަކީ ސިޔާސަތުތައް އެކުލަވާލާ، ނިންމުންތައް ނިންމާ، ކައުންސިލްގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްތައް ރާވާ އަދި ހިންގުވުމުގެ އާރުކާޓީންނެވެ.

ކައުންސިލް މެމްބަރެއްގެ ގޮތުގައި އިންތިޚާބުވުމަށްފަހު ކައުންސިލްގައި މަސައްކަތް ކުރަންޖެހޭނީ އެއް ރޫހެއްގައެވެ. ތަފާތު ސިޔާސީ ފިކުރުތަކާއި އަމިއްލަ މަސްލަހަތުތައް އެއްފަރާތްކުރުމަށްފަހު ރަށަށް، އަތޮޅަށް އަދި ސިޓީއަށް ފައިދާވާނޭ ބީދައަކުންނެވެ. ކޮންމެ ކައުންސިލަރަކީ ވެސް ކައުންސިލްގެ މުހިއްމު މެމްބަރެކެވެ. އަދި ކައުންސިލްގެ ފަރާތުން ނިންމާ ކޮންމެ ނިންމުމެއްގެ ހިއްސާދާރެކެވެ.

ކައުންސިލްތަކުގެ ދައުރާއި ޒިންމާތައް

1. ރައްޔިތުން ތަމްސީލުކުރުން

  • ރައްޔިތުންގެ ބޭނުންތައް ދެނެގަނެ އެކަންކަން ހައްލުކުރުން
  • ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައިދިނުން
  • ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުން
  • ރަށުގެ އެންމެން ތަމްސީލުކުރުން
  • ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުން

2. ކައުންސިލްގެ އިދާރާ ހިންގައި ޚިދުމަތް ދިނުން

  • ރައްޔިތުންނަށް ބޭނުންވާ ރަށްވެހި ޚިދުމަތް ފޯރުކޮށް ދިނުން
  • ޕްލޭންކުރުމާއި ފައިސާ ހޯދުން އަދި ފައިސާ ބެލެހެއްޓުން
  • ކައުންސިލްގެ އުފުލޭ އަދި ނުއުފުލޭ މުދާ ބެލެހެއްޓުން
  • އެކުލަވާލެވިފައިވާ ޕްލޭންތަކާއި އެއްގޮތައް މަސައްކަތްކުރިއަށްދާކަން ކަށަވަރުކުރުން
  • ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް އިދާރާގެ މަސައްކަތް ބައްޓަންކުރުން
  • ކައުންސިލުން ހިންގާކަންކަމުގެ ލިޔެކިޔުންތައް އުފައްދައި ބެލެހެއްޓުން

3. ރައްޔިތުންނަށާއި ސަރުކާރަށް ޖަވާބުދާރީވުން

ކައުންސިލްތަކަކީ ސަރުކާރަށާއި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ބައެއްކެވެ. އަދި ކައުންސިލް ޖަވާބުދާރީކުރުވުމުގައި ސަރުކާރާއި ރައްޔިތުންވެސް އިސްރޯލެއް އަދާކުރެއެވެ. އެގޮތުން ކައުންސިލުން އާއްމުކުރަންޖެހޭ ލިޔުންތައް އާއްމުކުރޭތޯ ކަށަވަރުކޮށް، ކައުންސިލްގެ ނިންމުންތަކާމެދު ސުވާލުކޮށް، ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ކައުންސިލް ޖަވާބުދާރީކުރުވުމުގެ ރޯލް ރައްޔިތުން އަދާކުރުން މުހިއްމެވެ. އަދި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތައް ކައުންސިލްގެ ހިންގުން ބައްޓަންވެފައިވާކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން (ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެންޓި-ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް ފަދަ އިދާރާތައް) ކަށަވަރުކުރަންޖެހެއެވެ.

  • ކައުންސިލުން ނިންމުންތައް ޢާންމުކުރުން
  • ރިޕޯޓްތައް އެކުލަވާލުން
  • މަޢުލޫމާތު ހާމަކުރުން
  • ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުން
  • މުހިއްމު ނިންމުންތަކުގައި ރައްޔިތުންނާއެކު މަޝްވަރާކުރުން

ރިޕޯޓްކުރުން

  • ރަށު ކައުންސިލްތަކުން ރިޕޯޓްކުރަންޖެހޭނީ އަތޮޅު ކައުންސިލަށް
  • އަތޮޅު އަދި ސިޓީ ކައުންސިލްތަކުން ރިޕޯޓްކުރަންޖެހޭނީ ލޯކަލް ގަވަރމަންޓް އޮތޯރީޓީއަށް
  •  ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ކައުންސިލްގެ އެންމެހާ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ރިޕޯޓްކޮށް ޖަވާބުދާރީވާންޖެހޭ

ކައުންސިލްތަކުން ދޭ ޚިދުމަތްތަކާއި ބައެއް މަސްއޫލިއްޔަތު

  • މަގު ހެދުމާއި މަގު މަރާމާތު ކުރުން.
  • ބަނދަރު މަރާމާތު ކުރުން.
  • ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުން.
  • އެއްގަމު ތޮށްޓާއި ކަނޑު ތޮށި މަރާމާތުކޮށް ބެލެހެއްޓުން
  • މިސްކިތްތައް ބެލެހެއްޓުން.
  • ޤަބުރަސްތާނު ބެލެހެއްޓުން.
  • އާސާރީ ތަންތަން ބެލެހެއްޓުން.
  • މަގުމަތި ކުނި ކަހާ ސާފު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ރަށުގެ ސާފު ތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން
  • ރޭގަނޑު މަގުމަތި ދިއްލުމާއި ބެލެހެއްޓުން
  • ފާލަމާއި ފެރީ ޓާރމިނަލް ހެދުން އަދި ހިނގުން
  • ފިހާރަ، ހޮޓާ، ރެސްޓޯރަންޓް، ގެސްޓް ހައުސް، އަދި ޢާއްމު މާރުކޭޓްތަކުގެ ކަންކަން ބެލެހެއްޓުމާއި އިޞްލާޙީ ފިޔަވަޅު އެޅުން.
  • މަގުމަތީގައި މީހުން ހިނގާބިނގާވެ އުޅުމާއި އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ ތަކެތި ދުއްވާގޮތް ބެލެހެއްޓުން.
  • ޢާއްމުންގެ އަތުން ފީ ނަގައިގެން ދުއްވާ ޓެކްސީއާއި ފެރީގެ ޚިދުމަތްތައް ދެނީ މިންގަނޑުތަކަށްތޯ ބެލުން
  • އިޖްތިމާޢީ މަރުކަޒު، ކުޅިވަރުކުޅޭ ޢާއްމު ދަނޑުތައް ބެލެހެއްޓުން.
  • ކުއްލި ނުރައްކަލުގެ ޙާލަތުގައާއި ޙާދިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޡާމެއް ޤާއިމުކުރުން.
  • ކުނި ނައްތާލުން
  • ޕެސްޓް ކޮންޓްރޯލުކުރުން
  • ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން
  • ރަށު ލައިބްރަރީ ހިންގުން
  • ޕްރައިމަރީ ހެލްތު ކެއަރ އާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
  • އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްދޭނޭ މަރުކަޒެއް ހިންގުން.
  • ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުން.
  • މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
  • ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބެލެހެއްޓުން.
  • ރަށްވެހީންނާއި، ރަށްވެހިނުވެ ދިރިއުޅޭ މީހުންނާއި ބިދޭސީން ދަފްތަރު ބެލެހެއްޓުން.
  • ބިމާއި ޢިމާރަތް ރަޖިސްޓްރީ ކުރުން
  • ރަށުގެ ބިމުގެ ދަފްތަރު އެކުލަވާލައި އެދަފްތަރު ބެލެހެއްޓުން
  • ބިމާއި ގުޅޭ ގޮތުން ހިންގާ މުޢާމަލާތްތަކުގެ ރެކޯޑު ބެލެހެއްޓުން
  • ދީނީ/ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކައި މުނާސަބާތައް ފާހަގަކުރުން/އިޙްތިފާލުތައް ބޭއްވުން

މައުލޫމާތް:ކިޔެވެނި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް