ހަފްތާގެ ތެރެއިން އަންނަ ޢީދުދުވަހަކީ ނުވަތަ އެންމެ މާތްދުވަހަކީ ހުކުރުދުވަސްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ.
އެއީ އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. يوم الجمعةގެ ނަމުން ނަން ދެވިފައިވާ މި ދުވަހަކީ ބަރަކާތާއި ހެޔޮކަމުން ފުރާލެވިފައިވާ ދުވަހެކެވެ. އެހެންކަމުން އެދުވަހުގެ މަތިވެރިސަވާބާއި ދަރުމަ ހޯދުމަށް އަޅުގަނޑުމެން އެންމެވެސް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ތިރީގައިވާ ކަންކަމަކީ ސުންނަތުން ސާބިތުވާ ހުކުރު ދުވަހުގެ މުހިންމު ކަންކަމެވެ.
ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲ صَلَّى اللَّهُعَلَيْهِ وَسَلَّمَ އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަ ކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެދުމަށް ޓަކައެވެ. މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާ އަށް ވަރަށް އިސްކަންދެއްވާފައި ވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ.
ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.
“اقرءوا سورة هود يومالجمعة” ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ.
އެހެން ބަސްފުޅެއްގައިވަނީ: من قرأ سورة الكهف يوم الجمعة أضاء له من النور ما بينالجمعتين ، ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. “
އަޘަރުގައި އައިސްފައިވެއެވެ.” ހުކުރުވިލޭރޭ ޔާސީން ސޫރަތް ކިޔެވި މީހާގެ ފާފަ ފުއްސަވާ ދެއްވާނެތެވެ."
ރަސޫލުﷲ صَلَّىاللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ قَرَأَ “حم” الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ “ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާން ސޫރަތް ކިޔެވި މީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް