"ހުކުރު ދުވަހު އިމާމާ މިން ބަރަށް އަރައްޖައުމަށް ދާންދެން މަލާއިކަތް ބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ."

ހަފްތާގެ ތެރެއިން އަންނަ ޢީދުދުވަހަކީ ނުވަތަ އެންމެ މާތްދުވަހަކީ ހުކުރުދުވަސްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. އެއީ އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. يوم الجمع...

19 Mar 2021 | 01:55

ހަފްތާގެ ތެރެއިން އަންނަ ޢީދުދުވަހަކީ ނުވަތަ އެންމެ މާތްދުވަހަކީ ހުކުރުދުވަސްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ.

އެއީ އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. يوم الجمعةގެ ނަމުން ނަން ދެވިފައިވާ މި ދުވަހަކީ ބަރަކާތާއި ހެޔޮކަމުން ފުރާލެވިފައިވާ ދުވަހެކެވެ. އެހެންކަމުން އެދުވަހުގެ މަތިވެރިސަވާބާއި ދަރުމަ ހޯދުމަށް އަޅުގަނޑުމެން އެންމެވެސް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ތިރީގައިވާ ކަންކަމަކީ ސުންނަތުން ސާބިތުވާ ހުކުރު ދުވަހުގެ މުހިންމު ކަންކަމެވެ.

އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ، އެގޮތް ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.”

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ފަރްޟު ފަސް ނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައި ވާހާ ކަންތަކުގެ ކައްފާރާއެކެވެ.” ( رواه مسلم )

ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވަވާ ބާރުއަޅުއްވަވާފައިވާ ކަމެކެވެ. އެހެނީ މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަން ވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ. އަޙްމަދު ރިވާކުރައްވާ ގޮތުގައި “ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަ މީހުންގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިން ބަރަށް އަރައްޖައުމަށް ދާންދެން އެބޭކަލުން މިސްކިތަށް އަންނަ މީހުންގެ ނަންތައް ތަރުތީބުން ލިއުއްވާނެތެވެ.” އަނެއް ޙަދީޘްފުޅެއް ބުނާ ގޮތުގައި އިމާމު މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައި މީހުންގެ ނަންތައް ލިއުއްވާ، ފަތްތައް ލައްޕަވާ ލައްވާނެތެވެ.

ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅު ބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެ ވަޑައިގަންނަވާނެތެވެ.”

މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާއި ނަމާދު ކުރުމަށްޓަކައެވެ. ﷲ ގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައް އާބާދު ކުރާ މީހުންގެ ޤަދަރު ﷲ އުފުއްލަވަތެވެ. މިސްކިތުގެ ތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީ ސަފު ބޭނުންވާ މީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާ މީހަކު ކުރިއަށް ގޮސް ދެ މީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ހަމައެހެންމެ ކުރިން މިސްކިތަށް އަރާ މީހުން ވެސް އިސް ސަފުން ފެށިގެން ސަފުތައް ފުރަމުން ގެންދިޔުމަށް ސަމާލުކަން ދޭން ވާނެއެވެ.

ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًاإِلَى جَهَنَّمَ – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށް ދާ މީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.”

އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން، ކޮނޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ.”

ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢު ކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުން ލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް