އއ. ބޮޑުފުޅަދޫގައި ހުރި ބިދޭސީ އަކާއި އެކުއެޓާ ސަފާރީގައި ހުރި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައިސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ އެ ދެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ބޮޑުފުޅަދޫގައި ހުރި ބިދޭސީ މީހާއަކީ ޓޫރިސްޓެއް ކަމެއް ނުވަތަ ބޭރު ގައުމަކަށް ދަތުރުކޮށްފައިވާ މީހެއްކަން އަދި ހާމައެއް ނުކުރެ އެވެ.
އޭނާ ވިދާޅުވީ ބޮޑުފުޅަދޫގައި ޝައްކު ކުރެވޭ ބިދޭސީ މީހާ އާއި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު އެމީހާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށ ވިދާޅުވި އެވެ.
އެކުއެޓާ ސަފާރީވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެ ސަފާރީއަށާއި ބޮޑުފުޅަދޫއަށް އެރުން އެޗްޕީއޭއިން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި އެވެ.
މީގެ އިތުރުން އައިލެންޑް ސަފާރީގައި ހުރި ދެ ބިދޭސިއަކު މިދިޔަ އާދިއްތަ ދުވަހު ވައިރަހަށް ޕޮސިޓިވް ވުމާއި ގުޅިގެން އެ ސަފާރީ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭގައި ތިބި ހުރިހާ ފަޅުވެރިންނާއި ޓޫރިސްޓުން ކަރަންޓީން ކޮށްފައިވާއިރު ދެ ފަޅުވެރިން ކަރަންޓީންކޮށްފައި ތިބީ އެ ސަފާރީގައި އެވެ. އެއީ ހުސް ސަފާރީ ވިލިވަރު ފަޅުތެރޭގައި ނުބާއްވަން ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް