ކޯވިޑް-19: ލަންކާގައި ތިބި ދިވެހިންގެ ވިސާ 30 ދުވަހަށް އިތުރު ކޮށްދީފި

ސްރީލަންކާގެ ވައިގެ ދަތުރުފަތުރު ހުއްޓާލުމާއި ގުޅިގެން މިވަގުތު އެގައުމުގައި އޮން އެރައިވަލް ވިސާގައި ގޮސް ތިބި ހުރިހާ ބިދޭސީންގެ ވިސާ30 ދުވަހަށް އިތުރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ....

19 Mar 2020 | 15:36

ސްރީލަންކާގެ ވައިގެ ދަތުރުފަތުރު ހުއްޓާލުމާއި ގުޅިގެން މިވަގުތު އެގައުމުގައި އޮން އެރައިވަލް ވިސާގައި ގޮސް ތިބި ހުރިހާ ބިދޭސީންގެ ވިސާ30 ދުވަހަށް އިތުރުކޮށްދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މީގެ ތެރޭގައި ދިވެހިންވެސް ހިމެނެ އެވެ.

ލަންކާއިން ވަނީ ހުރިހާ ވައްތަރެއްގެ ވިސާ ދޫކުރުން ހުއްޓާލާފައި އެވެ. އަދި ވައިގެ ދަތުރު ފަތުރުތައް ވަނީ ހަފްތާއަކަށް ހުއްޓާލާފައި އެވެ.

ވިސާގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމާއި ޕާސްޕޯޓުގައި ސްޓޭމްޕް ޖެހުމަށް އަންނަ މަަހުގެ އަށަކާއި ނުވައެއްގައި ލަންކާގެ އިމިގްރޭޝަންގެ ވިސާ ޑިވިޒަންއަށް ހާޒިރުވާން މިހާރު ވަނީ އަންގައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި ކުރު މުއްދަތުގައި ވިސާ އާއި ރެޒިޑެންޓް ވިސާގައި ތިބި ދިވެހިންނަށް ވެސް އެއްވެސް މައްސަލައެއް ނެތި އެއް މަހުގެ ވިސާ ހަމަޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން، ދަތުރުކުރުމުގައި ދަތިތައް ދިމާވި ފަރާތްތަކަށް ކުރިމަތިވި ވިސާގެ މައްސަލަތައް ލަންކާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ހަމަޖެހުނީކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވައިގެ ދަތުރުތައް ހުއްޓާލި ނަމަވެސް އިމަޖެންސީގައި ޖައްސަން ޖެހޭ ބޯޓްތަކާއި އެހީގެ ތަކެތި ގެންނަ ބޯޓުތަކާއި ޓްރާންސިޓް ފްލައިޓްތަކަށް ލަންކާ އެއާޕޯޓުތަކަށް ޖެއްސެ އެވެ. ޓްރާންސިޓް ބޯޓުތަކަށް ހުއްދަ ދީފައި ވަނީ ހަ ގަޑިއިރަށް ވުރެ ދިގު ނުވާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް