"ރަށު އޮފީހުގެ ފުރާޅަށް އިސްކުރެއް ޖަހައިލަން ޖެހޭ ކޮންމެ ފަހަރަކު މާލެއަށް، ފިނޭންސް މިނިސްޓްރީއަށް ލިޔަން ނުޖެހޭ ގޮތެއް ވާންޖެހޭ،" ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރުމުގެ ވާހަކަ ފެށި ދުވަސްވަރު ، އޭރުގެ ބައެއް ކަތީބުން ބުނަމުން ދިޔައީ މިހެންނެވެ. ބާރުތައް މަޒުކަޒުކޮށްފައި ބޭއްވުމުން ކަންތައްތައް އުނދަގޫވާ މިންވަރު، ކަތީބުންގެ އެވާހަކައިން ސާފުކޮށް އެނގެ އެވެ. ރަށުގައި ހުންނަ ކުދިކުދި މަސައްކަތްތައް ރަށުން ނިންމޭނެ ގޮތެއް ވުމުގެ މުހިއްމުކަން ވެސް އެ ވާހަކައިން އެނގެ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް 2008 ވަނަ އަހަރު ނިންމަނުން އައި އިރު، އޭރުގައި އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރޫހަކީ ވެސް މި އެވެ. ރަށްތަކުގެ ހިންގުމުގެ ބޮޑެތި އިޚުތިޔާރުތައް ރަށްތަކަށާއި އަތޮޅު ތަކަށް ދޫކޮށްލުމެވެ. ގާނޫނު އަސާސީ އެރޫހުގައި އިސްލާހުކޮށް، މާލޭން، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ކަތީބުން ނުތިބޭ ގޮތަށް، ގާނޫނުތައް ހަދައި، ބާރުތައް ދޫކޮށްލި ނަމަވެސް 2013ގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކާމިޔާބު ކުރެއްވި ހިސާބުން އޮއިވަރު ބަދަލުވީ އަނެއް ކޮޅަށެވެ.
ކައުންސިލްތަކުން ކުރަމުން އައި ހުރިހާ ކަމެއް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ ސަބަބުން، ރަށުކައުންސިލްތަކާއި ސިޓީކައުންސިލްތައް އަދި އަތޮޅު ކައުންސިލްތައް ވީ ބޭކާރު ތަންތަނަށެވެ.
އެޒަމާން ނިމި، ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ކައުންސިލްތަކަށް މިހާރު މިވަނީ އަލުން ބާރުތައް ދީފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯމަ ދުވަހު އެ ނިންމެވީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލެއްވުމުގެ އެންމެ ފަހު، އަދި އެންމެ މުހިއްމު މަސައްކަތެވެ. އެއީ ކައުންސިލްތަކުގެ އިހުތިސާސްތައް ކަނޑައެޅުއްވުމެވެ.
ރައީސް އެގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިނގާފައިވަނީ ލާމަރުކަޒީ އުޞޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީއާއި، ޤާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 1-56 ގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚުތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެމަނިކުފާނާ މަތިކޮށްފައި ވާތީ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގެ ގޮތުގައި އެ ގާނޫނުގައި ކަނޑައަޅާފައި ވަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން 700 މީޓަރުގެ ސަރަހައްދެކެވެ. މިއީ ވަރަށް އާދައިގެ ކަމެއް ހެން ހީވިޔަސް މީގެ ސަބަބުން މަގު ފަހިވަނީ ތަރައްގީގެ ވަރަށް ފަހި ފުރުސަތު ތަކަކަށެވެ. އެހެނީ ކައުންސިލްތަކުގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނޭ އެ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގުމުގެ އިތުރަށް، އެތަންތަން ކުއްޔަށް ދީގެން ނަފާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް އެބަ ލިބެ އެވެ.
އެތަންތަނުގައި ކުރެވެން ހުރި އަގުހުރި މަސައްކަތްތަކަށް ބަލައިލާ ނަމަ، ވޯޓަބަނގަލޯތައް ހިމެނޭ ހޮޓާތައް އެޅުމުން ފެށިގެން ގޮސް، މެރިން އެކުއާ ކަލްޗާގެ މަސައްކަތްތައް ވެސް އެތަންތަނުގައި ކުރެވިދާނެ އެވެ. ރާއްޖެއަކީ ކަނޑުފަޅުގެ ބޮޑު ސަރަހައްދެއް އޮތް ތަނަކަށް ވިޔަސް، ސީފުޑްގެ ބާވަތްތައް ވެސް އަދިވެސް ގެންނަނީ ބޭރުންނެވެ. އޭގެ ބަދަލުގައި ފަޅުތަކުގައި އިއްސާއި ހުއިފިލަނޑައައާއި ޑިނގާ އާލާ ކުރުން ފަދަ ކިތަންމެ މަސައްކަތަކަށް މިހާރު މިއޮތީ މަގު ފަހި ވެފަ އެވެ.
ރާއްޖެއަކީ އަމަ އެކަނި ޓޫރިޒަމަށް ބަރޯސާ ކުރާ ތަނެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައިލަން މިހާރު މިއީ އެންމެ ރަނގަޅު ފުރުސަތެވެ. ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މިހާރު މިވަނީ ޓޫރިޒަމްގެ ސިނާއަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅިގެން މި ދިޔައީ އިއްތިފާގުން މި ދުވަސްވަރާ ދިމާކޮށެވެ.
މިއީ ކައުންސިލްތަކުގެ އިހުތިސާސްގެ ދަށުގައިވާ ސަރަހައްދުތައް ވިސްނުންތެރިކަމާ އެކު ބޭނުންކުރަންވީ ވަގުތެވެ. ދުނިޔޭގެ އިގުތިސާދަށް އަންނަ ކޮންމެ ލޮޅުމަކުން ހަލާކުނުވާ ފަދަ ޕްރައިމަރީ އިންޑަސްޓްރީއެއް ބިނާކުރަން ފަށަންވީ ވަގުތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް