ކޯވިޑް-19: ދައުލަތުގެ ބަލަހައްޓާ ކުދިންނާއި މީހުންނަށް ހާއްސަ އައިސޮލޭޝަންތަކެއް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގެ އާއިލީ ބަންދަލުވުންތައް މެދުކަނޑާލައި އައިސޮލޭޝަން ފެސިލިޓީތަކެއް ހަދަން ނިންމައިފި އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބ...

19 Mar 2020 | 07:11

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގެ އާއިލީ ބަންދަލުވުންތައް މެދުކަނޑާލައި އައިސޮލޭޝަން ފެސިލިޓީތަކެއް ހަދަން ނިންމައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދަކުދިން ބައިތިއްބަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ބޮޑެތި މީހުން ބަލަހައްޓަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެތަންތަނުގައި ތިބި ކުދިންނާއި މީހުން ހުން އައިސް ރޯގާ ޖެހޭތޯ ގަވައިދުން ބަލަމުންދާ ކަމަށެވެ. އަދި ގަވައިދުން ހުރިހާ އެންމެންގެ ޓެމްޕަރޭޝާ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކާ ފަރުވާ ދޭން ޖެހިއްޖެ ނަމަ އެކަހެރި ކުރަން އައިސޮލޭޝަން ރޫމްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފިޔަވަތީގައި ތިން އައިސޮލޭޝަން ރޫމް، ކުޑަކުދަކުދިންގެ ހިޔާގައި ދެ އައިސޮލޭޝަން ރޫމް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެ އައިސޮލޭޝަން ރޫމް ތައްޔާރު ކުރަމުންދާ ކަމަށް ބުނެ އެވެ. މީގެ އިތުރުން އެ މަރުކަޒުގައި އެމަޖެންސީ ހާލަތެއްގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ގާއިމުކުރުމުގެ އެންމެހާ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށެވެ.

އަތޮޅުތެރޭގައި ނަމަ، އެކަހެރިކޮށް ބެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ސިއްހީ ހިދުމަތްތައް ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ޖެންޑާއިން ބުންޏެވެ.

މީގެ އިތުރުން މަރުކަޒުތަކުގެ ވަދެ ނުކުމެވާ ހުރިހާ ދޮރެއްގެ ކައިރީގައި ހޭންޑް ސެނިޓައިޒާ ހަރުކޮށް، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދޭނެ ކަމަށް ވެސް ޖެންޑާއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް