ކޮރޯނާ ވައިރަސް އާއި ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަދުން ފެށިގެން މަގުމަތީގައި އުޅޭ މީހުން ގެއަށް ވަންނަން ނަސޭހަތް ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިކަން އެންމެ ރަނގަޅަށް ބެލެހެއްޓެމުންދާނީ މާލެ ސަރަހައްދުގައި ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މިކަން ކުރިޔަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިގޮތަށް ނަސޭހަތް ދެނީ ބަލި ފެތުރުމުގެ ބިރު އޮތުމާއެކު ސޯޝަލް ޑިސްޓަންސިންގްއަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ބޭރުގަ އުޅޭ މީހުންނާއި ސުވާލުކޮށް އެއްވެސް ޒަރޫރީ ބޭނުމެއް ނެތި އުޅޭނަމަ އެމީހުންނަށް ނަސޭހަތްދީ، ގެއަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުން ކުރާނެކަމަށެވެ.
ފުލުހުން ބުނީ މިވަގުތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއް ކަމުން އެޗްޕީއޭއިން އަންގާ އެންގުންތަކަށް އާންމުން ބޯލަނބަން ޖެހޭ ކަމަށެވެ. މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތް މަގުމަތީގައި އުޅޭ މީހުންނަށް ފުލުހުން ބުނެދޭނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް މިއަދުން ފެށިގެން ގޭގެއަށް ވަންނަން ނަސޭހަތް ދޭނެ ކަމަށެވެ. އެކަމަކު މާލޭގައި އޮތްފަދަ އެންގުންތަކެއް އަތޮޅު ތެރޭގައި ނެތުމުން ނަސޭހަތް ދޭއިރު ބަލާނީ އެއްވެފައި ތިބޭ ތަންތަނަށް ކަމަށެވެ.
އެގޮތުން ބަނދަރާއި ޖޯލިތަކުގެ އިތުރުން އެއްތަނަކަށް މާގިނަ ބަޔަކު އެއްވެ އުޅޭނަމަ އަތޮޅު ތެރޭގައިވެސް ގެއަށް ދާން ނަސޭހަތް ދޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަސައްކަތަށް މިހާރު އަތޮޅު ތެރޭގައި ތިބި ފުލުހުންގެ އަދަދު އިތުރުކޮށް ޑިއުޓީތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ19 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ފުލުހުން އަޅާ ފިޔަވަޅެއްގެ ގޮތުން އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް ވަނީ އަންގާފއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް