ކޮރޯނާ ވައިރަސް ރާއްޖެއިން ފުރަތަމަ ފެނުމަށް މެދުވެރިވި ސަބަބު ކަމަށްވާ އިޓަލީ މީހާގެ ފުށުން ފެންނަނީ އެ ވައިރަސްގެ އަލާމާތްތައްކަން އެނގިތިބެ އެކަން ކުރެއްދޫ ރިސޯޓުގެ މެނޭޖްމެންޓުން ނާންގާ ތިބި ކަމަށް ފުލުހުން ތުހުމަތު ކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އިޓަލީ މީހާ މިދިޔަ މަހުގެ23 ވަނަ ދުވަހު ރާއްޖެ އައިސް ރިސޯޓުގައި އުޅުމަށް ފަހު ހުން އައިސްގެން ފުރަތަމަ ރިސޯޓު ކްލިނިކް ޑޮކްޓަރަށް ދެއްކީ26 ފެބްރުއަރީގައި ކަމަށެވެ. އެދުވަހު އިތުރު ފަރުވާއެއް ނުދީ ޑޮކްޓަރު ބެލުމަށް ފަހު ފޮނުވާލީ އެމީހާ އަކީ ދިގު މުއްދަތަކަށް ބޭސް ކާމީހަކަށް ވާތީ އެ ބޭސްތައް ބޭނުން ކުރުމަށް އިރުޝާދު ދިނުމަށް ފަހު ކަމަށެވެ.
ރިޔާޒް ވިދާޅުވީ ތަހުގީގަށް މިހާތަނަށް އެނގިފައިވާގޮތުގައި އޭނާ އެ ދުވަހު މެންދުރު ކާން ރެސްޓޯރަންޓުގައި ހުއްޓަ އަނބުރައިގެން ވެއްޓުނު ކަމަށާއި ރިސޯޓު ކްލިނިކްގައި ފަރުވާ ދިނުމަށް ފަހު އެ ދުވަހު ހަވީރު ދޫކޮށްލީ ކޮޓަރީގައި މަޑު ކުރުމަށް ނަސޭހަތްތެރިވެ ކާއެއްޗެހިވެސް ކޮޓަރިއަށް ގެންގޮސްދޭ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. އެކަމަކު އަނެއް ދުވަހު އޭނާ ޑޮކްޓަރަށް ދެއްކީ ކަރުގައި ރިއްސާތީ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެދުވަހު އޭނާ އިތުރު ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރު ލަފާދިންނަމަވެސް އިޓަލީ މީހާ އެކަމަށް ދެކޮޅު ހަދާފައިވާކަމަށް މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެޗްޕީއޭއަށް ރިޕޯޓު ކުރުމާއި މެދު މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ނުކުރަން ނިންމީ ރިސޯޓުގައި އިތުރު ޓޫރިސްޓުން ހުން އައިސް ތިބުމުން މައްސަލައަކަށް ވެދާނެތީ އެވެ.
ކޯލް ރިކޯޑުތަކުންނާއި ލިބިފައިވާ މައުލޫމާތުތަކުން މުވައްޒަފުން އެޗްޕީއޭއަށް ނާންގަން ނިންމުމުންވެސް ޑޮކްޓަރު ގުޅާފައިވާކަން އެނގޭ ކަމަށެވެ. އެކަމަކު އެޗްޕީއޭ އާއި ޑޮކްޓަރާއި ދެމެދު ފޯނުން ކުރެވުނު އެއްވެސް މުއާމަލާތެއްގައި އެމީހާއަށް ބައްޔަށް ޝައްކު ކުރެވޭ ކަމަށް ޑޮކްޓަރު ބުނެފައި ނުވާކަމަށެވެ. އަދި އެ މުއާމަލާތުގައި ދެކެވިފައިވަނީ ޔޫރަޕްގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ މިންވަރާއި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އަމަލު ކުރަންވީ ގޮތާއި ގުޅޭގޮތުންނެވެ.
ރިޔާޒު ވިދާޅުވީ އޭނާ މިމަހުގެ އެއް ވަނަ ދުވަހު ފުރަން އެއާޕޯޓަށް ދިޔަ ފަހުންވެސް ހޭނެތިގެން ވެއްޓިފައިވާ ކަމަށެވެ. އަދި ފްލައިޓަށް އެރުވީ ވީލްޗެއާގައި ކަމަށާއި އެކަމަކު ފްލައިޓު އޭނާ އާއި އެކު ނައްޓާލަން ޕައިލެޓު ދެކޮޅު ހެދީ ކުރެއްދޫ ޓޫރިސްޓުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި ކަމަށް އެނގިފައިވާ ކަމަށެވެ.
އެކަމަކު އެއާޕޯޓުގައި ހުންނަ ޕޯޓް ކްލިނިކުން އޭނާ ބައްޔަށް ޝައްކު ކުރެވޭކަން ނޭންގީ އެ ދުވަހު ބަލީގެ އަލާމާތެއް ބޭރުފުށުން ފެންނަން ނެތުމާއި އޭނާ އާއި ސުވާލު ކުރުމުން އެފަދަ މައުލޫމާތެއް ދީފައިނުވާތީ ކަމަށްރިޔާޒު ވިދާޅުވި އެވެ. އަދި އެމީހާއަށް އިނގިރޭސި ނޭނގޭތީ މުއާމަލާތް ކުރަން ޖެހުނީ ކުރެއްދޫ ރިސޯޓުގައި ހުރި މުވައްޒަފަކަށް ފޯނުން ގުޅައިގެން ކަމަށް ވެ އެވެ.
ރިޔާޒު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި ވައިރަހަށް އިޓަލީ މީހާ ޕޮސިޓިވްވެފައިވާކަން އެންގީ އޭނާ އަމިއްލައަކަށް ނޫނެވެ. އެއީ އޭނާ އެނބުރި ދިޔަ ފަހުން ރިސޯޓުން ދިޔައީ ތަކުރާރުކޮށް އޭނާއަށް ގުޅައި ބައްޔަށް ޓެސްޓު ކުރުމަށް އެދެމުންކަމަށައި ސަބަބަބެއް ކަމަށް ވަނީ ރިސޯޓު ޑޮކްޓަރުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަން ފެށުން ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް މުވައްޒަފުން ނޭންގީ ކީއްވެކަން ތަހުގީގައި ހޯދާނެ ކަމަށެވެ. އަދި އެކަމުގައި ރިސޯޓުގެ ވެރިފަރާތުގެ ދައުރެއްވޭތޯވެސް ބަލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް