N/A
ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ދުވަހު މާލޭގެ ލޯކަލް
މާރުކޭޓުގައި ތަރުކާރީ އާއި މޭވާގެ އަގުތައް އުފުލިފައިވާއިރު، ޚާއްސަކޮށް ކަނޑޫދޫ
މިރުހުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެންމެ ދުވަހެއްގެ
ތެރޭގައި މިރުހުގެ އަގު ވަނީ ގާތްގަނޑަކަށް 9 އިންސައްތަ އުފުލިފައެވެ.
މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު
އާންމުކޮށް ހުރީ 490 ރުފިޔާއަށެވެ. މިއީ އިއްޔެ ބާޒާރުގައި މިރުސް ކިލޯއެއް ހުރި
450 ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ރަމަޟާން މަސް ފެށުމާއެކު
މިރުހަށް އޮތް ޑިމާންޑް ބޮޑުވުމަކީ އަގު އުފުލުމުގެ މައިގަނޑު ސަބަބު ކަމަށް
ބެލެވެއެވެ.
ލޯކަލް މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ކަނޑޫދޫ މިރުސް
100 ގްރާމް މިހާރު ވިއްކަމުންދަނީ 45 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ
އަގުތަކެއްގައެވެ. މިއީ ކުދި މިންވަރުން މިރުސް ގަންނަ ފަރާތްތަކަށްވެސް ބޮޑު
އަގެކެވެ.
ބާޒާރުގެ ގިނަ ގޮޅިތަކުގައި އަގުތައް އުފުލިފައިވީ
ނަމަވެސް، ބައެއް ގޮޅިތަކުގެ މެދުގައި އަގުގެ ތަފާތުތަކެއް ހުރިކަން
ފާހަގަކުރެވެއެވެ. އެގޮތުން ބައެއް ގޮޅިތަކުގައި 490 ރުފިޔާގައި އަގު ހުރި
ނަމަވެސް، އެންމެ ގޮޅިއަކުން 430 ރުފިޔާއަށް މިރުސް ކިލޯއެއް ލިބެން ހުރިކަން
ފާހަގަކޮށްލެވެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށްވެސް ބާޒާރުގައި
ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. މިއަހަރުވެސް މަސް
ފެށުނުއިރު އަގުތައް މިވަނީ މައްޗަށް ދާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް