ކެފޭގައި ނޫސްވެރިޔާ ދެއްކީ ނޫސްވެރިންގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން، އަމުރަށް ނުކިޔަމަންތެރިވި

މިރޭ އިދިކޮޅު މުޒާހަރާ ރޫޅަލިފަހުން ކެފޭއެއްގެ ތެރޭގައި ތިބި ބަޔަކު ނެރުނު އިރު ފުލުހުން ޗެނަލް13 ގެ ނޫސްވެރިއަކު ގަދަކަމުން އެތަނުން ނެރުނީ އެއީ ނޫސްވެރިއެއްކަން ނޭނގި ކަމަށް ފުލުހުން ބުނެފި އެވެ. މީ...

19 Feb 2021 | 17:53

މިރޭ އިދިކޮޅު މުޒާހަރާ ރޫޅަލިފަހުން ކެފޭއެއްގެ ތެރޭގައި ތިބި ބަޔަކު ނެރުނު އިރު ފުލުހުން ޗެނަލް13 ގެ ނޫސްވެރިއަކު ގަދަކަމުން އެތަނުން ނެރުނީ އެއީ ނޫސްވެރިއެއްކަން ނޭނގި ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން، ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މުޒާހަރާގައި ބައިވެރިން ކެފޭ ތެރެއަށް ވަދެގަތް ކަމަށެވެ.

"އެގޮތަށް އެ ކެފޭ ތެރެއަށް ވަދެގަތް މީހުން، ފުލުހުން ވަނީ އެތަނުން ނެރެފައި، އަދި އެތަނުން ނެރެން އުޅުމުންވެސް، ނޫސްވެރިޔާ ހިމެނޭގޮތުން، ހަމަނުޖެހުން ހިންގާފައިވޭ. އެގޮތުން ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ، އަމުރަށް ނުކިޔަމަންތެރިވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ނޫސްވެރިޔާ އެތަނުން ނެރުމުން، ނޫސްވެރިއެއްކަމަށް ބުމުން ވާނީ ދޫކޮށްލާފައި ކަމަށާއި އޭގެ ކުރިން ނޫސްވެރިއެއްކަން ފުލުހުންނަށް އަންގާފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަދި ފޮޓޯއިން ފެންނަގޮތުގައި ނޫސްވެރިޔާގެ ކާޑު ހާމައަށް ފެންނަން އޮތެވެ.

ފުލުހުން ބުނެފައިވަނީ މި އިންސިޑެންތްގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެންވާނެފަދަ އަމަލުތަކެއް ކަމަށް ނުދެކޭކަމަށެވެ.

މުޒާހަރާތަކާއި އެނޫންވެސް އެހެނިހެން ކަންކަން ކަވަރުކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދީ ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަން ކަވަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޕޮލިސް މީޑިއާގެ ފަރާތްތަކުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމުގައި ފުލުހުން ބުނެއެވެ. އަދި އެހެންނަމަވެސް ބައެއް މަދު މީޑިއާގެ ފަރާތްތަކުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ، ހަމަ ނުޖެހުން އުފެދޭގޮތަށް އަމަލުކުރާ ކަމީ ފުލުހުން ކަންބޮޑުވާކަމެއް ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހުރިހާ ނޫސްވެރިންވެސް މިކަމަށް ސަމާލުވެދެއްވުމަކީ ފުލުހުންގެ އެދުމެއ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް