އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ކޯވިޑް-19 ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ބޮޑު އަދަދުަކުން ޖޫރިމަނާ ކުރަން އެ ސިޓީގެ ސަރުކާރުން ނިންމައިފި އެވެ.
އިންޑޮނީޝިއާގައި ކޯވިޑް ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި ގަވައިދެއް ވަނީ ހަދާފައި އެވެ. އެފަދަ ގަވައިދެއް ހެދީ ރައްޔިތުން ކިޔަމަން ކުރުވުމުގެ ގޮތުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.
އެ ސިޓީގެ ސަރުކާރުން ބުނީ ކޯވިޑް ވެކްސިން ދިނުމުގައި އަމަލު ކުރާނީ ގަވައިދުގެ ތެރެއިން ވީހާވެސް ލުއިކޮށްދީގެން ކަމަށެވެ. ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ޖޫރިމަނާ ކުރާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.
އޭގެ ކުރިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިޖުތިމާއީ އެހީތެރިކަން، ނުވަތަ ސަރުކާރުގެ ހިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެ އެވެ. ވެކްސިން ނުޖަހާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ގަވަދުގެ ދަށުން މައި ސަރުކާރުން ދީފައިވަނީ ސިޓީ ސަރުކާރުތަކަށެވެ.
ޖަކާޓާ ސިޓީން ނިންމާފައިވަނީ، ކޯވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ ނުވަތަ އެކަމަށް އިންކާރުކުރާ ކޮންމެ މީހަކު 356.89 ޑޮލަރުން ޖޫރިމަނާ ކުރާށެވެ. އިންޑޮނީޝިއާގައި ކޯވިޑް-19 އަސް ޕޮސިޓިވްވެފައިވާ މީހުންގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ވެރިރަށް ޖަކާޓާގައި ދިރިއުޅޭ މީހުންނެވެ.
ކޯވިޑާއި ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މަސައްކަތުގައި ކުރިޔަށް އޮތް 15 މަސްދުވަހުގެ ތެރޭގައި 181 މިލިއަން މީހުންނަށް ވެކްސިން ދިނުމަކީ އަމާޒެކެވެ. އެ ގައުމުގައި މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.
ޖަކާޓާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ވެކްސިން ނުޖަހައިގެން މީހުންނަށް އަދަބުދިނުމަކީ އިންސާނީ ހައްގުތަކާ ހިލާފް ކަމެއްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިންޑޮނޭޝިޔާއިން ބުނެފައިވެ އެވެ. އަދި ގަވާއިދަކުން މީހުންގެ މައްޗަށް އެކަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް