މާތް ﷲ މުއުމިނުންނާއި ކުރިމަތި ކުރައްވާ ބަލިމަޑުކަމަކީ އެބައިމީހުންގެ ކުދި ފާފަތަކަށްވާ ކައްފާރާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ކޯވިޑް-19 ގެ ބަލި މަޑުކަމާއި މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ދުންޔަވީ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތިކަމަށް ފަހު އެތައް ފަސޭހަކަމެއް އަންނާނެ ކަމަށް ﷲ ވައުދުވެވޮޑިގެންފައިވާ ކަމަށެވެ. ހުތުބާގައި ބުނީ މިވަދުގެ މަތިން ހަނދާންކޮށް މުއުމިނުން ހިތްވަރު އާކުރަން ޖެހޭ ކަމަށެވެ.
މި މައުލޫއާއި ގުޅޭގޮތުން ކީރިތި ރަސޫލާ (ސއވ) ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ހުތުބާގައި ހިމަނާފައިވެ އެވެ. އެއީ މުސްލިކަމަށް މަލިމަޑުކަމަކުން ނުވަތަ އެފަދަ އެހެން ކަމަކުން ވިޔަސް ވޭނެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ސަބަބުން ގަހަކުން ފަތް ވެރޭފަދައިން އޭނާގެ ކުށްފާފަތައް ފުއްސަވައި ދެއްވަ އެވެ.
ހުތުބާގައި ބުނީ ހަލުވިކަމާއި އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއި އެކު ﷲ ގެ ރަހުމަތްފުޅުން ކަމަށެވެ. މާޒީގައި ﷲގެ ނަބިއްޔުއްނާއި ރަސޫލުންނަށްވެސް މިފަދަ އެތަކެއް ހިތްދަތި ހާދިސާތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
އެކަމަކު އެ ބޭބޭކަލުން ﷲ ގެ ރަހްމަތާއި، އޯގާވަންތަ ކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި ދުއާ ދެންނެވުމުގައި ސާބިތުވެ ތިއްބެވި ކަމަށެވެ.
ހުރިހާ ނުރައްކަލަކުން ސަލާމާތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގުކަން ހަނދާން ކޮށްދީފައިވެ އެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގަ ވަނީ އަދި ﷲއަށް ތަގުވާވެރިވާ މީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެ ކަމަށެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެ ކަންކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ކޯވިޑް-19 އިން ރާއްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ހުތުބާގައި ބުނެފައިވަނީ މިފަދަ ޒަރޫރީ ދަނޑިވަޅެއްގައި މާސްކު އަޅައިގެން ނަމާދު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިފަދަ ބަލިމަޑުކަމެއްގައި އުޅޭއިރު އަމިއްލަ ނަފްސާއި ތިމާގެ އަހާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް