ތ. އަތޮޅުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގޯތިގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ތ. ގުރައިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން ވިދާޅުވިގޮތުގައި ރެއިން ފެށިގެން ތ. އަތޮޅުގެ އެކި ރަށްރަށަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަޙައްދުތަކުގައާއި ގޯތި ގެދޮރުގައި ފެންބޮޑުވެފައިވާއިރު ފެންހިއްކުމާއި ގޯތިގެދޮރަށް ފެންވަނުން މަދުކޮށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކެއް ފުލުހުންނާއި ރައްޔިތުން ގުޅިގެންދަނީ ކުރަމުންނެވެ.
އެގޮތުން ތ. ގުރައިދޫއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސްކޫލަށާއި އެރަށުގެ ގެތަކަށް ފެންވަދެ ކުދިކުދި ގެއްލުންތައް ވެފައިވާއިރު ރަށުގެ އެކި ސަރަޙައްދުގައި ފެން ހިނދޭގޮތް ހަދައި ގޭގެއަށާއި ސްކޫލުގައި ފެންހިއްކައި ފެންވަނުން މަދުކޮށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންހިނދޭގޮތް ހަދައި ގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައްވެސް ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން މިހާރުވެސް ދަނީ ކުރަމުންކަމުގައި ފުލުހުން ބުނެ އެވެ.
މީގެއިތުރުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ތ. ގުރައިދޫ ބަނދަރު ސަރަޙައްދުގެ ތޮށިގަނޑުކައިރި ވެލިގަނޑުން ބައެއް ފަޅުތެރެއަށް ދެމުމުގެ ސަބަބުން ތޮށިގަނޑުން ބައެއް ވެއްޓިފައިވާއިރު އެސަރަޙައްދު ކޯޑުންކޮށް އެސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ތ. ހިރިލަންދޫއަށްވެސް ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގެތަކަށާއި އެރަށުގެ ޕޮލިސް ސްޓޭޝަނަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު ފެންހިއްކުމުގެ މަސައްކަތުގައާއި ގެތަކަށް ފެންވަނުން ކުޑަކޮށް ގެއްލުންތައް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ރަށުގެ ރައްޔިތުންނާއި ކައުންސިލް އަދި އެރަށުގައި މަސައްކަތްކުރާ ފުލުހުންދަނީ ކުރަމުން ކަމަށެވެ. އަދި ހަމައެއާއެކު ތ. ދިޔަމިގިލީގައިވެސް ފެންބޮޑުވުމުގެ ސަބަބުން ފެންހިއްކުމުގެ މަސައްކަތުގައި ފުލުހުންނާއި އެރަށުގެ ކައުންސިލް ގުޅިގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމުގައިވެސް ފުލުހުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް