ފާރިޝް އާއި ނާދިރާ ޕީޕީއެމް އިން ކަނޑާލި މައްސަލައިގެ އަޑުއެހުމެއް މާދަމައަށް ތާވަލްކޮށްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫން އާއި ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ މިހާރުގެ ނައިބު ރައީސް ނާދިރާ ޕީޕިއެމް އިން ކަނޑާލި މައްސަލައިގެ އަޑުއެހުމަށް މާދަމައަށް ސިވިލް ކޯޓުގައި ތާ...

19 Feb 2017 | 13:33

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝް މައުމޫން އާއި ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ މިހާރުގެ ނައިބު ރައީސް ނާދިރާ ޕީޕިއެމް އިން ކަނޑާލި މައްސަލައިގެ އަޑުއެހުމަށް މާދަމައަށް ސިވިލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

މި މައްސަލައިގެ އަޑު އެހުން މާދަމައަށް ތާވަލް ކޮށްފައިވާއިރު ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 2:00 އަށެވެ. ފާރިޝް ވަކިކުރި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 2:30 އަށެވެ.

މި ދެ މައްސަލައާއި ބެހޭގޮތުން މި ދެބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ  ފާރިޝްއާއި ނާދިރާ ޕާޓީން ވަކިކުރަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅީ އެ ނިންމުން ނިންމި ސުލޫކު ކޮމިޓީގެ ބައްދަލުވުމަކީ ގަވާއިދާ އެއްގޮތަށް ބޭއްވި ބައްދަލުވުމަކަށް ނުވާތީ ކަމަށެވެ.

އެދުވަހު ސުއޫދު ވިދާޅުވީ ސުލޫކީ ކޮމިޓީން މައްސަލަ ބެލުމުގައި ވަނީ ގަވާއިދާއި ހިލާފުވެފައި ކަމަށާއި މެމްބަރެއްގެ މައްސަލަ ހުށަހެޅިއްޖެނަމަ އެކަމަށް ޖަވާބުދާރީވުމަށް އެ މެމްބަރަކަށް ފުރުސަތު ދޭން ޖެހޭނެކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ. އަދި އެދެބޭފުޅުންނަށް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާކަމުގައިވެސް ވިދާޅުވި އެވެ.

ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުން މީގެ ކުރިން ފަސް ފަހަރު މަތިން ތާވަލްކޮށްފައެވެ. ނަމަވެސް ޕީޕީއެމް ރައީސް ޔާމީންގެ ފަޅިން ކޯޓަށް ހާޒިރުނުވާތީ އެ އަޑުއެހުންތައް ވަނީ ކެންސަލްކޮށްފަ އެވެ. މިއީ މި އަޑުއެހުން ތާވަލްކުރާ ހަވަނަ ފަހަރެވެ. މި ދެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައިވަނީ 27 އޮކްޓޯބަރު 2016 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް