އައްޑޫ ސިޓީ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސްއިން އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރ އެއް މިއަދު ހުޅުވައިފިއެވެ.
ކުރިން ބީއެމްއެލް ހިތަދޫ ބްރާންޗްގެ ގޯތިތެރޭގައި ހިންގަމުން ގެންދިޔަ ކޮންޓެކްޓް ސެންޓަރ ގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާނީ މަސައްކަތް ކުރުމަށް ބޭނުންވާނެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު މިއަދު ހުޅުވި ކޮންޓެކްޓް ސެންޓަރގައި ކަމަށާއި ބޭންކުގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތްތާނގައި ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުކުރުމަށްވަނީ ހަމަޖެހިފައި ކަމުގައި އެ ބޭންކުން ހާމަކުރެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާ، ކަސްޓަމަރުންނަށް އެހީތެރިވުމަށް މުވައްޒަފުން އަދާކުރަންޖެހޭ ދައުރަށް އަލިއަޅުވާލާ ވާހަކަދައްކަވާފައިވެ އެވެ.
ސީއީއޯ ވިދާޅުވީ މިއަދު ބޭންކުގެ ކަސްޓަމަރުންގެ އަދަދު 270,000 އަށްވުރެ ގިނަ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 20000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅުނު ކަމަށެވެ. ކަސްޓަމަރ ސާވިސް އަކީ ބީއެމްލްގެ ޚިދުމަތްތައް ބައްޓަން ކުރުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި އެހެންކަމުން އަދިވެސް ބޭންކުން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމުގައި ސީއީއޯ ވިދޅުވި އެވެ.
" އަޅުގަނޑުމެންގެ ފަރާތުން ކަސްޓަމަރުން ބޭނުންވަނީ އެންމެ ރަނގަޅު ޚިދުމަތް ލިބެން. މޮބައިލް އެޕް ފަދަ އޮންލައިން ޓެކްނޮލަޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޚިދުމަތްތައް ކަސްޓަމަރުން ހޯދުމަށް ބޭންކުން ހިތްވަރު ދިން ނަމަވެސް އެފަރާތްތަކުން ބްރާންޗްތަކަށް ނުވަތަ ބިޒްނަސް ސެންޓަރތަކަށް ގޮސްގެން ނުވަތަ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުންނާ ސީދާ މުއާމަލާތްކުރެވޭނެ ގޮތްތައް ހުރުން މުހިންމު. އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް މިދަނީ ކުރަމުން. އެގޮތުން މި ކޮންޓެކްޓް ސެންޓަރާއެކު ކަސްޓަމަރުންނަށް އެހީތެރިވުމަށް ޚާއްސަ ތަމްރީން ލިބިފައި ތިބި މުވައްޒަފުންތަކެއް ޚިދުމަތަށް ނިކުތުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަން ޔަގީންވެގެންދާނެ." ސީއީއޯ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް