މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދާ ށ. ޅައިމަގު އެވަރެސްޓް އަހުމަދު ޖައިލަމް 23، އޮތީ މޫދު އަޑީގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފި އެވެ.
ޖައިލް ގެއްލިފައިވަނީ ހުއިފިލަނޑާ ނެގުމަށް އދ. ހުކުރުދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގެ ކައިރިއަށް ޑައިވިން އަށް ދިޔަ ފަހުންނެވެ. އެ ދުވަހު ޑައިވިނަށް ދިޔައީ މެންދުރު 2:00 ގައި މައްޗަށް އަރާގޮތަށް ކަމަށާއި އެމްއެންޑީއެފަށް ގެއްލިގެން ރިޕޯޓު ކުރީ އެ ދުވަހުގެ 3:45 ހާއިރު ކަމަށް ކޯސްޓުގާޑުން މައުލޫމާތުދެ އެވެ.
މިއަދު ކޯސްޓްގާޑު ބިލިޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ޖައިލް ހޯދުމަށް އިތުރު ޑައިވަރުންގެ ޓީމެއް އިއްޔެ ހަރަކާތްތެރިވާން ފަށާފައިވާއިރު ވައިގެ މަގުންވެސް ދަނީ ހޯދަމުން ކަމަށެވެ. އެގޮތުން މިހާތަނަށް 1000 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށާއި އެކަމަކު މިހާތަނަށް ޖައިލަމްގެ ހަބަރެއް ނުވާކަމަށެވެ.
އޭނާ ވިދާޅުވީ ބެލެވޭގޮތުގައި އޭނާ އޮތީ އަޑީގައި އެވެ. އެއީ އެގޮތަށް ގެއްލޭ މީހުން ބައެއް ފަހަރު ފަރުމައްޗަށް ފަދަ ތަންތަނަށް އަރާތިބޭތީ، ވައިގެ މަގުން ބަލަމުންދާއިރު ޖައިލް ފެނިފައިނުވާތީ ކަމަށް ސަލީމް ވިދާޅުވި އެވެ. ޖައިލަމް ފެންނާނެ ކަމުގެ އުންމީދާއި އެކު މަސައްކަތް ކުރިޔަސް މިފަދަ އޮޕަރޭޝަން ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން ނުދެވޭނެ ކަމަށް އޭނާ ވިިދާޅުވި އެވެ.
"އޭނާ މައްޗަށް އަރާފައި އޮވެދާނެ ކަމަށް ބަލާފައި ވައިގެ މަގުން ވެސް ހޯދަމުން މި ދަނީ. ބައެއް ފަހަރަށް އެހެން ގެއްލޭ މީހުން، ފަރު މައްޗަށް ފަދަ ތަންތަނަށް ވެސް އަރާތީ އެ ފަދަ ތަންތަން ވެސް ބަލާފައި ވާނީ. އެކަމަކު އަޅުގަނޑުމެންނަށް ވެސް ބޮޑަށް ޔަގީން ކުރެވޭ ގޮތުގައި އޭނާ އޮތީ އަޑީގައި،" ސަލީމް ވިދާޅުވި އެވެ.
ޖައިލަމް އާއި މަސައްކަތް ކުރި ދޯނީގެ މީހުންނާއި ވާހަކަދެއްކުމުން އެނގުނުގޮތުގައި ޖައިލަމަކީ ޑައިވިން ކުރުމުގެ އެއްވެސް ތަމްރީނެއް އަދި ތަޖުރިބާއެއް ހުރި މީހެއް ނޫންކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އޭނާ ހޯދުމުގައި ކޯސްޓްގާޑުގެ އުޅަނދުތަކާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުންނާއި ފުލުހުންނާއި ސީޕްލޭން ދަނީ ބައިވެރިވަމުންނެވެ.
ޖައިލަމް ގެއްލިފައިވަނީ އާންމުކޮށް މީހުން ފީނަށް ދާ ސަރަހައްދަކަށް ކަމަށް ވިޔަސް މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތަށް ދަނީ ހުރަސް އެޅެމުން ކަމަށް މައުލޫމާތުދެ އެވެ.
ޖައިލަމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ވެސް އެކަން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ފަރާތަކުން ޖައިލަމާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް