ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުފުޅެއް ކަމުގައިވާ ކ. ކުޑަގިރި ފަޅުގައި ތަރައްޤީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުން ވަނީ ކުޑަގިރީގެ މަސައްކަތް ނިންމާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައި ކަމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.
ސަރުކާރާއި އެޗްޑީސީ ގުޅިގެން މިތަން ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު މިވަނީ މި ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފައެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެ ކަމަށެވެ.
މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ކުޑަގިރިއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ ކަމަށެވެ.
އެގޮތުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކުޑަގިރީގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގައި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަން އެޗްޑީސީން ފޯރުކޮށްދީފައިވާ އިރު ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފައެވެ.
އެޗްޑީސީން ބުނީ މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކު ކަމަށެވެ.
އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރ އަދި ރީޓެއިލް ސްޓޯރގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައި ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައިވާއިރު އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައި ކަމަށެވެ.
އެ ކޯޕަރޭޝަނުން ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނޭކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގައި އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވާލެވޭއިރު ޕިކްނިކް ދިއުމަށް ހަދާފައިވާ އެންމެ ފުރިހަމަ ރަށް ކަމުގައި ކުޑަގިރި ވެގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރުދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުސަތު އަލުން ހުޅުވިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.
މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ޙާއްސަވެފައި އޮތް ކުޑަބަނޑޮސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވަނީ އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލާފައެވެ.
އަދި މިކަމުގެ ސަބަބުން މާލެ ކައިރީގައި ދަތުރު ދިޔުމަށް އޮތް ލުއި ފުރުޞަތު ހަނިވެގެންދިއައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް