ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރި ވެރިކަން ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހްސާސްތައް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި މި ވަނީ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ކެނޑިޑޭޓް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްގެ ވިސްނުމާއި އެމަނިކުފާނުގެ ވިސްނުމާއި ފުށު އަރަނީ އެންމެ މައްސަލައެއްގައި ކަމަށާއި އެއީ "އިންޑިއާ އައުޓް ހަރަކާތް" ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ކަނޑިތީމު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެމްޑީޕީ މެންބަރުން މަގުމަތީގައި ހަތް އަހަރު ހޭދަކޮށް އަނިޔާވެރި ދުވަސްތަކެއް ތަހައްމަލް ކޮށްފައިވާ ކަމަށެވެ.
އަދި އެ އަނިޔާވެރިކަމުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ހުކުމެއް ނެތި ކުޑަ ގޮޅީގައި އެތައް ދުވަހެއް ހޭދަ ކުރަމުން ދިޔަ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
އެގޮތުން އެ އިހުސާސްތައް އެ މަނިކުފާނުގެ އެބަހުރި ކަމަށާއި އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރިޔާސީ ޕްރައިމަރީން ބަލިވެ، އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ގެއްލިއްޖެނަމަ އަލުން އެ އަނިޔާވެރިކަމަށް ދާން ޖެހިދާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
އަދި އެގޮތް އެމްޑީޕީގެ މެންބަރުންނަށް ވާން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް