އެމްޓީސީސީން ވިލިމާލެއަށް ބަސްތައް އެރުވީ ވަގަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީން މިއަދު ބުނީ ވިލިމާލޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ފެށުމަށް ބޭނުން ކުރާ އީވީ ބަސްތައް ވިލިމާލެއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާދަމާ ރަސްމީކޮށް ދަތުރުތައް ފަށާނެ ކަމަށެވެ.
މި ކަމާއި ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަސްތައް ވިލިމާލެއަށް އެރުވީ ކައުންސިލްގެ ހުއްދަ ނުހޯދައި ގަވަދައިދާ ހިލާފަށް، ވަގަށް ކަމަށެވެ. އޭނާ ވިދާޅުވީ ބަސްތައް ވިލިމާލެއަށް އެރުވީ ރޭ ދަންވަރުގެ ވަގުތުގައި ކަމަށެވެ.
މޭޔަރު ވިދާޅުވީ ވިލިމާލެއަށް ބަސްތައް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/MMuizzu/status/1615917999789342720
ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާތީ ސިޓި ކައުންސިލުން ރުޅިއައިސްގެން އުޅެނީ އެ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ތައްޔާރުވަމުން ދަނިކޮށް އެމްޓީސީސީން ބަހުގެ ހިދުމަތް ފަށާތީ އެވެ. ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ އަމަލީ ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
ސިޓީ ކައުންސިލުން ގެންނަ10 ބަގީ އަންނަ މަހު ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
އެމްޓީސީސީން ވިލިމާލޭގައި ބޭނުން ކުރަނީ15 މީހުންގެ ޖާގައިގެ ހަ އީވީ ބަހެވެ. މި ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް