ޔާމީން ފިސާރި ގަދަކޮށް ހުންނެވުމުން އެނގެނީ ސަރުކާރުން ޒާތީ ނުވާކަން: އިމްރާން

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަދަ ފަދަކޮށް ހުންނެވުމުން އެނގެނީ މި ސަރުކާރުން އެއްވެސް މީހަކާއި މެދު ޒާތީ ނުވާނެކަންކަމަށް ހޯމް މިނިސްޓަރު ޝެއިހް ...

19 Jan 2023 | 07:50

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަދަ ފަދަކޮށް ހުންނެވުމުން އެނގެނީ މި ސަރުކާރުން އެއްވެސް މީހަކާއި މެދު ޒާތީ ނުވާނެކަންކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން އިއްޔެ ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި ރައީސް ޔާމީނާއި ބައްދަލު ކުރައްވާފައި އެވެ. އެ ބައްދަލުވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީން ހުންނެވީ ފިސާރި ގަދަކޮަށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށެވެ.

މި ވާހަކަ އާއި ގުޅިގެން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިކަމުން އަންގައިދެނީ އޭނާ ޖަލުގައި ހުންނެވިއިރު ކިތަންމެ އިހާނެތިކޮށް ކަންކުރެއްވި ނަމަވެސް މި ސަރުކާރުން ޒާތީވެ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭކަން ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްތިރިކަމާއި އޯގާތެރިކަން ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

https://twitter.com/ShimranAb/status/1615948988964016128

އިދިކޮޅުން ކުރި ދަތުރަށް ފަހު އަދުރޭ ވިދާޅުވީ މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި އަޅުވެތިކަމަށް ބޯ ނުލަނބާނެ ކަމަށެވެ. އަދި ރައްޔިތުން މާޔޫސް ނުވެ ތިއްބެވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިކަމަށް އަދުރޭ ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީން ޖަލަށްލާން ހުކުމް ކޮށްފައިވަނީ11 އަހަރަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް