މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ސަރުކާރެއް އަތުވެއްޖެނަމަ ޓެކްސް އާއި ޖީއެސްޓީ ކުޑަކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ފިކުރެއްގެ ދިރުން ހުޅުމާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި ހުށަހެޅުންތައް ކޯލިޝަން ސަރުކާރުން ބަލައި ނުގަންނަ ކަމަށެވެ.
އަދި މި ސަރުކާރުން ތަންފީޒު ކުރަމުން ގެންދިޔައީ އެމްޑީޕީގެ ސިޔާސަތު ތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިގޮތުން ނަޝީދު ވަނީ މިސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކޮށް ނަގާފައިވާ ދަރަނިތައް ދެއްކުމަށްޓަކައި ޓެކްސް ބޮޑުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ރިޔާސީ އިންތިޚާބައްށްފަހު ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި ޓެކްސް އާއި ޖީއެސްޓީ ކުޑަކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސަރުކާރުން ނިންމީ ކުރީގެ ދަރަނި އަލުން އަނބުރާ ދެއްކުމަށްޓަކައި އަލުން އަނބުރާ އާ ދަރަނި ނެގުމަށް ކަމަށެވެ.
އެހެންކަމުން އާ ދަރަނިވެސް އަލުން އަނބުރާ ދައްކަން އެބަޖެހޭ ކަމަށާއި ޓެކްސްތައް ބޮޑުކުރީ ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ހޯދުމަށް ކަމަށް ނަޝީދު ވިދާޅު ވެފައިވެއެވެ.
އަދި ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު މިދަނީ ވަރަށް ބޮޑުތަނުން އުފުލެމުން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް