ކޮވިޑުގެ ހާލަތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާއި އެއް ފެންވަރެއްގައި ރައްޔިތުންނަށް ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެވުނުކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ށ. ކަނޑިތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އިސްކަންދިނީ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް ކަމަށާއި އެމެރިކާ، ޗައިނާ ޖަޕާނުގައި މަގުމަތީގައި މީހުން މަރުވަމުންދިޔަ އިރު ރާއްޖޭގައި އެ މަންޒަރު ނުފެންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.
"ކަންކަން ކުރަމުންދިޔައީ ވިސްނުންތެރިކަމާ ރޭވުންތެރިކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލަމުން، ދާއިރާތަކުގެ ހާލު ބެލި ރައްޔިތުންގެ އަޕްޑޭޓްސް ލިބެމުންދިޔަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ކާރިސާތަކުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި މިފަދަ ހާލަތުތަކުގައި ވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާގޮތް އެއީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
"2008، 2009 ގައި ފައިނޭންޝަލް ކްރައިސިސްގައި ކުރިގޮތް އެއޮތީ ފެންނަން، ހަރަދުތައް ކުޑަކުރުމުގެ ނަމުގަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރި، ވަޒީފާތަކުން ވަކި ކުރި، އޭގެ ނުރަނގަޅު އަސަރު ވަކި ވަކި ފަރުދުންގެ ދިރިއުޅުމަށް ބޮޑުތަނުން ކުރި" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެހެން ނަމަވެސް ކޮވިޑުގެ ހާލަތުގައި ސިޔާސަތު ތަންފީޒުކުރަމުންދިޔަގޮތުން ނުރަނގަޅު އަސަރު ކުރަންވީ ވަރާ އަސަރާ ގާތަށްވެސް ކޮށްފައެއް ނޯންނާނެ ކަމަށެވެ. ޕްރައިމަރީގައި ވޯޓުދެއްވާއިރު މިކަންކަމާއިމެދު ވިސްނަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް