މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުން ބަލާލުމަށް ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ޝައުޤުވެރިކަން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން މިރޭ ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުގެ ޓިކެޓް ހޯދަން ދެ މިލިއަނަށް ވުރެ ގިނަ މީހު...

19 Jan 2023 | 05:12

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން މިރޭ ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުގެ ޓިކެޓް ހޯދަން ދެ މިލިއަނަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ސައުދީ ސްޕޯޓްސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މިރޭ ޕީއެސްޖީއާއި ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ މެޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ޓިކެޓް ހޯދަން އެދިފައިވާ ކަމަށާއި ނަމަވެސް އެ މެޗު ކުޅެން ހަމަޖެހިފައިވާ ކިންގް ފަހުދް ސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 68 ހާސް ޖާގަ ކަމަށް ވުމުން ތިކެޓް ވިއްކާފައިވަނީ އެ އަދަދަށް ކަމަށެވެ.

" މިރޭ ޕީއެސްޖީއާއި ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ މެޗަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ޓިކެޓު ހޯދުމަށް އެދިފައިވޭ. ނަމަވެސް އެ މެޗު ކުޅޭ ސްޓޭޑިއަމް އަކީ 68 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް. އެހެން ކަމުން ޓިކެޓް ވިއްކެން އޮތީ އެ އަދަދަށް." ސައުދީ ސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ.

މިރޭގެ ޕީއެސްޖީ އަދި ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗަކީ ސައުދީ ކުޅިވަރާއި ބެހޭ ވުޒާރާގެ ދައުވަތަކަށް ކުޅެން ހަމަޖެއްސި މެޗެކެވެ. މިއީ ރެކޯޑު އަގަކަށް އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗެވެ. މި މެޗުގައި ކެޕްޓަން ކަން ކުރާނީ ވެސް ހަތް ނަމްބަރު ޖާޒީގައި ކުޅޭ ރޮނާލްޑޯ އެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ ކުޅޭނެ އިރު، އަނެއްކޮޅުން ޕީއެސްޖީގެ ތަރިން ކަމަށްވާ ލިއޮނެލް މެސީއާއި ކީލިއަން އެމްބާޕޭގެ އިތުރުން ނޭމާވެސް މި މެޗުގައި ފެނިގެންދާނެއެވެ.

ޕީއެސްޖީ އާއި އަލް ނަސްރު އަދި އަލް ހިލާލް އިން އެކުލަވާލެވޭ ޓީމާއެކު ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 10:00 ގައެވެ. މި މެޗު ކުޅޭނީ ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް ފަހުދް ސްޓޭޑިއަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް