އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮތީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. މި އިންތިހާބުގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަމްރު ތާއީދު ކުރައްވަނީ ނަޝީދަށްކަން މިއަދު އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ހާމަކޮށްފައިވެ އެވެ. އަދި ނަޝީދާއި އެކު މިއަދު ކެމްޕެއިނަށް އަތޮޅުތެރެއަށް އަމްރު ވަނީ ފުރާވަޑައިގެންފަ އެވެ.
މިއަދު ނަޝީދު ކެމްޕެއިނަށް ވަޑައިގެންނެވީ ގއ އަދި ގދ އަތޮޅަށެވެ. ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަޝީދުގެ ޓީމް ނަގާފައިވާ ފޮޓޯތަކުގައި ނަޝީދުގެ އަރިހުގައި އަމްރު އިންނެވި އެވެ.
އަމްރު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައި އެވެ. އަމްރު އަކީ ކުރިން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާ އެވެ.
ޕްރައިމަރީގެ ފޯރި ވަރަށް ގަދަވެފައިވާއިރު ދެ ރައީސުންވެސް ދަނީ މާލެ އާއި އަތޮޅުތަކުގައި ކެމްޕެއިން ކުރަމުންނެވެ. މިވަގުތު ރައީސް ސޯލިހު ހުންނެވީ ހއ. ހދ އަދި ށ. އަތޮޅުގައި ކެމްޕެއިނަށް ވަޑައިގެންނެވެ.
ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ އިންތިހާބު ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް