މި ސަރުކާރުން އަޅަން ނިންމާފައިވާ ހަތަރު ޑޮމެސްޓިކް އެއާޕޯޓް މަޝްރޫޢުއަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް .ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޞާލިހް ރޭ ވިދާޅުވީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅާނެ ފައިސާ ހޯދިފައިވާ ކަމަށެވެ.
އަދި މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށާއި ދެން އޮތީ އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
މިގޮތުން ރައީސް ޞާލިހް ވަނީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައި ވާކަން ފާހަގަކުރައްވާ ރ. އަތޮޅު ނިމުމުން ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ ގުޅާލާއި ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ހޯރަފުށީ އެއާޕޯޓް ބޭނުންކުރެވުންދާކަމަށާއި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްޕެންޝަން މަސައްކަތް މޮބިލައިޒް ކުރެވިފައިވާ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް