ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ، ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ: ރައީސް

ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ، ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އ...

18 Jan 2023 | 19:18

ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ، ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުއަކީ މިއީ ބޮޑުއުތުރާ، މުޅި ބޮޑުތިލަދުން މައްޗަށް ތާރީޚުގައިވެސް އަންނަ، އެންމެ ބޮޑު ބަދަލުކަމަށާއި މި މަޝްރޫޢުއާއެކު ބޮޑު ތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަޖެހެނޭކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކަކާއި، ވައްޓަފާޅިއެއް އޮންނަކަމަށާއި ކުރާ ކޮންމެ މަސައްކަތަކާއި، ހިންގާ ކޮންމެ މަޝްރޫޢެއް ހިންގަވަނީ އެ އުސޫލުގެ ދަށުންކަމަށެވެ.

މުޅި ރާއްޖެއަށް ގެންނަ ތަރައްޤީގެ ބަދަލު މިސަރުކާރުން އެންމެ ފުރަތަމަ ފަށަނީ ގަލަމު ތުނޑުން ރަނގަޅަށް ދިރާސާ ކުރައްވައި، ހިސާބު ކިތާބުން ނަތީޖާ ހޯދުމަށްފަހު އެނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުމަށްފަހު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވިސްނުމާ ފިކުރާ ޙިކުމަތާ ކެތްތެރިކަމާ ނުލާ، ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ ކަމަށާއި ހަނިމާދޫ ބައިނަލް އަޤްވާމީ އެއާޕޯޓު ގެ މަސައްކަތް މިއަދު ފެށީ ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް ކަމަށެވެ.

ސިޔާސީ ގޮތުން ސަރުކާރަށް ފާޑުވިދާޅުވާ ފަރާތްތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ، ރޭވެއަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ ކަމަށާއި ކޮންމެ ކަމަކަށް ވެސް ދެމެހެއްޓެނިވި ވިސްނުމަކާ، ފެންހިފޭ ޕްލޭނެއް އޮންނަންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް