ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިން ހަދައި އޭގެ ޑްރާފްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވައިފި އެވެ.
މި ގައިޑްލައިން އީސީއަށް ލިބިފައިވާކަން އެ ކޮމިޝަނުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ. އަދި މި ގައިޑްލައިނާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މާދަމާ އިންތިޚާބުތަކާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި ވާކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް މީޑިއާގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާގެ ބައްދަލުވުމުގައި އެ ގައިޑްލައިނާއި، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށާއި، އެނޫންވެސް އިންތިހާބާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގައިޑްލައިންގައި ހުރި ކަންކަމާއި ގުޅޭގޮތުން އީސީން ދެކޭގޮތް އެޗްޕީއޭއަށް ފޮނުވާނެ ކަމަށެވެ.
އިންތިހާބާއި ބެހޭ ގައިޑްލައިން އެކުލަވާލާފައި މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގުައި ކައުންސިލް އިންތިހާބު ބޭއްވޭގޮތަށް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް މިއަދު ރައްޔިތުންގެ މަޖިލީހުން އިސްލާޙު ގެނެސްފައި ވާތީ އެވެ. އެ ގާނޫނުގައި ވާގޮތުން އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ކުރިން އީސީން އިންތިހާ ބާއްވަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ނުބޭއްވޭނަމަ 30 ދުވަސް ކުރިން މަޖިލީހަށް އަންގަން ޖެހެ އެވެ.
މި ގާނޫނަށް ގެނައި އިސްލާހާއި އެކު މި ބިލު ރައީސް ތަސްދީގު ކުރައްވާތާ ހަތް ދުވަސް ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިރުޝާދާއި އެކު އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ ގަވައިދުތައް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް