އަދާލަތު ޕާޓީގެ އިންތިހާބުގައި ވާދަ ކުރުމަށް އިތުރު ދެ ދުވަސް

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ. އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31...

19 Jan 2021 | 18:44

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ގައި އެވެ. މިއީ އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު އިތުރު ކުރި މިއީ ދެ ވަނަ ފަހަރެވެ.

އަދާލު ޕާޓީން މިއަދު ބުނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށް އިތުރުކޮަށްފައިވާ ކަމަށެވެ. އެ އިންތިހާބުގައި ވާދަ ކުރުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަހުން އެ މުއްދަތު މިއަދުގެ ނިޔަލަށް އިތުރު ކުރި އެވެ.

ދެ ވަނަ ފަހަރަށް މުއްދަތު އިތުރު ކުރި ސަބަބެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ. މި އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރަން ފޯމު ހުށަހެޅިކަން ހާމަ ކުރެއްވީ މިހާރު އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަންޏެވެ.

މި އިންތިިހާބަކީ އެ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭ ފުރަތަމަ ފަހަރެވެ. މި ދެ މަގާމަށް އަންހެނުންނަށް ވާދަ ކުރެވޭ ގޮތް ހެދީ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނެސްގެންނެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭނީ މި މަހުގެ 13 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ މީހުންނަށެވެ.

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެކަމަކު ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާން ބޭނުންވާ ގޮފިތަކުން އެކަމަށް އެދުމުން އިންތިޒާމް ހަމަޖެހޭނެ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް