މިނިސްޓަރުގެ ގަލަންކޮޅުން!

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރި...

19 Jan 2021 | 17:52

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައި.އެމް.ސީ.ޓީ.ސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި އެޤައުމަށް ވަޑައިގެންނެވި ސިފައިންގެ 4 ބޭކަލުންނާ، މިދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑު ބައްދަލުކޮށް، ލިޔުން ޙަވާލުކުރީމެވެ. ޓީމުގެ މަސައްކަތުގައި ފުރިހަމަ ކާމިޔާބީއަށް އަޅުގަނޑު އެދެމެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށްވާއިރު، މިއީ އެއް ޤައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ބާރެއް ނޫނެވެ. އެހެންކަމުން، ދޭދޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ، ދުނިޔޭގެ ތާރީޚަށް ބެލިއަސް، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގެވެ.

ކޯވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، ޢަމަލީގޮތުން މަސައްކަތްކުރުމަށް، ދިވެހި ސިފައިން އަމިއްލަ ޤައުމު ދޫކޮށް، އެހެން ޤައުމެއްގައި ޙަރަކާތްތެރިވާން ދިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެކެވެ.

މިކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކެއްގެ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް، ރައީސް ޞާލިޙްގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޝުކުރާއެކީ ތަހުނިޔާ ކިޔަމެވެ. މިޝުކުރުގައި، ސައުދީއަށް ވަޑައިގެންނެވި ހިތްވަރުގަދަ 4 ބޭކަލުންގެ އާއިލާގެ މެންބަރުން ޚާއްޞަގޮތެއްގައި ޝާމިލްކުރަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން އަމާން، ރައްކާތެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި، އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި، މާތްﷲ ބަރަކާތްލެއްވުމެވެ. އާމީން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް