އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމަޢުއަށް ނަޒަރު ހިންގާލިނަމަވެސް އެންމެ ބޮޑަށް އެގި ހާމަވާން އޮތް ހަޤީޤަތަކީ ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޒިންމާދާރުކަން ކުޑަ ކަމެވެ. މުވައްޒަފުންނާއި ހަވާލުކުރާ މަސައްކަތް ދުވަހުން ދުވަހަށް ނުނިމި މަސްދެމަސް ދުވަސް ވާއިރު ވެގެން ދާއިރުވެސް ކުރަން ޖެހޭ ނަމަވެސް ނުކޮށް ފުނި ޖެހިފައި ހުންނަ މަސައްކަތްތައް ބައިވަރެވެ. މިކަން މިހެން ދިމާވާން ޖެހޭ ސަބަބުތަކެއް ވެސް ހުންނާނެ ކަމާއިމެދު ޝައްކެއް ނެތެވެ. އޭގެ ތެރެއިން ބައެއް ކަންތައް ތަކަށް ނަޒަރު ހިންގާލާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މަގާމަށް އެކަށީގެން ނުވާ ޤާބިލް ނޫން ވެރިން އޮފީހުގެ ނުވަތަ ކުންފުނީގެ އިސް މަޤާމުތަކަށް އައްޔަންކުރުމެވެ.
އޮފީސް ނުވަތަ ކުންފުނިތައް ހެދިފަ ހުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖުތަމަޢުގައި އުޅޭ އެންމެހާ އަފުރާދުންނަށް އެފަރާތްތަކުގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދީ އެބައި މީހުންގެ ބޭނުންތައް އެކި ސިފަސިފައިގައި ފޯރުކޮށްދިނުމެވެ. އެހެން ނަމަވެސް މިއަދުގެ މި މުޖުތަމައުއަށް ނަޒަރު ހިންގާލާއިރު، މީގެ މާނަ އެހެން ގޮތަކަށް ވަނީ ބަދަލުވެފައެވެ. އެއީ އޭރަކު އޮންނަ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ފަރާތްތައް ޕާޓީ ތަމްސީލުކުރަން އެފަދަ މީހުންނަށް މަގާމުތައް ބަހާލުމެވެ. ކަމުގެ މުހިންމުކަމަށް ބެލުމެއް ނެތިއެވެ. އެފަދަ މަޤާމަކަށް އައްޔަންކުރާ މީހަކީ އެ މަގާމުގެ ޒިންމާ އެންމެ އެކަށޭނަ ގޮތުގައި އަދާކުރެވޭނެ ފެންވަރު ހުރި ޤާބިލް މީހެއްތޯ ބަލާލުމެއް ނެތިއެވެ.
މިދެންނެވި ގޮތަށް ކަންކަން ކުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ފަރުދުންނަށް އެތަކެއް ގެއްލުމާއި ހަލާކު ކުރިމަތިވާނެ ކަމެއް ކަމުގައި ވިސްނަން ޖެހެއެވެ. އެފަދަ މަގާމުތަކަކީ އާންމު ރައްޔިތުންނަށް އެ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމަށް އެކިއެކި ޚިދުމަތްކެއް ފޯރުކޮށްދޭން ޖެހޭ މަޤާމުތަކެއް ކަން ދަންނަން ޖެހެއެވެ. އޮފީސްތަކާއި ކުންފުނި ތަކުގެ ވެރިންނަށް މި މޭރުމުން ގަމާމުތައް ބަހާނަމަ މުޖުތައު ހެޔޮގޮތުގައި ބައްޓަންވެގެން ނުދާނެއެވެ. ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ދާނީ ދަށަށެވެ.
ދެން ދައްކަން ޖެހޭ ވާހަކަ އަކީ އޮފީހުގެ ވެރިންގެ ދަށުން މަސައްކަތް ކުރަން ތިބޭ މުވައްޒަފުންގެ ވާހަކަ އެވެ. އެ މުވައްޒަފުން ބޭނުންގޮތަކަށް މަޤާމުގެ މަޝްޢޫލިއްޔަތު އަދާނުކޮށް ފަރުވާ ކުޑަކޮށް އުޅޭ ވާހަކައެވެ. މަސައްކަތު ގަޑީގައި ކެރަވަޅު ޖައްސާ ވާހަކައެވެ. މިކަން މިހެން ދިމާވާން ޖެހޭ ބަސަބުތަކެއްވެސް ހުންނާނެއެވެ. ބޮޑު ސޯބު އެނބުރޭ ގޮތަކަށް ކުޑަ ސޯބު އެނބުރޭނޭ ބުނާ ބީދައިން އޮފީހުގެ ވެރިން ނުވަތަ ވެރިޔާ އުޅޭ ވިޔާނުދާ ގޮތައް މުވައްޒަފުންނަށް ފެނި އެފަދަ ވެރިންގެ ދަށުން މަސައްކަތް ކުރަން ދިބޭ މުވައްޒަފުންވެސް އެނބުރޭނީ ހަމަ އެގޮތަށެވެ. ވެރިންގެ އެބައި މީހުންގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާނަމަ ދެން ދަށުން މަސައްކަތް ކުރާ މުވައްޒަފުންވެސް ހަމަ އެފަދައިން މަސައްކަތައް ފަރުވާ ކުޑަކުރާތަން އަންނާނެކަން ޔަގީނެވެ. އެހެން ކަމުން މިފަދަ ކަންކަމަށް އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ބަޔަކީ އޮފީހެއްގެ ނުވަތަ ކުންޏެއްގެ އިސްކޮށް ތިބޭ ވެރިންނެވެ.
ގިނަފަހަރު ކަންތައް ވާގޮތަށް ބަލާއިރު، އޮފީހުގެ ބޮޑެތި މަޤާމުތަކާއި ހަވާލުވެ ތިބޭ ޤާބިލްކަމެއް އިޚްލާސްތެރިކަމެއް ނެއް ވެރިން އެބައިމީހުންގެ ޒިންމާތައް އަދާނުކޮށް ހިތުހުރި ގޮތަކަށް އުޅެމުން ދަށުންތިބޭ މުވައްޒަފުންނަށް އެމީހުންގެ ޒިންމާތައް ފުރިހަމަ އަށް އަދާކުރުމަށް އަމުރުކުރުމެވެ. އަދި ތަކުރާރުކޮށް މުވައްޒަފުން އެބައިމީހުންގެ ޒިންމާ އަދާކުރުމަށް ބުނެ އެކަން ނުކުރުމުން ފަރުވާ ކުޑަކަމަށް ބަލާ އެފަދަ މުވައްޒަފު ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. ހަޤީޤަތަކީ އެފަދަ މުވައްޒަފުންގެ މަތިން ހަވާލުވެތިބޭ ވެރިން އުޅޭ ވިޔާނުދާ ގޮތުގެ ސަބަބުން ދަށުން މަސައްކަތް ކުރަން ތިބޭ މުވައްޒަފުންވެސް ފަރުވާ ކުޑަކުރަނީއެވެ. ނަމަވެސް ގޯސް މިވަނީ އާދައިގެ ނިކަމެތި މުވައްޒަފު މީހާއެވެ.
ދެން ބަލާލަން ޖެހެނީ އިސްވެރިން އެމީހުނެގެ ވާޖިބުތަކާއި މަޝްޢޫލިއްޔަތުތައް އިޚްލާސްތެރިކަމާއި އެކު ބަރާބަރަށް އަދާ ނުކުރިޔަސް މަހުން މަހައް ލިބެންޖެހޭ ބޮޑެތި މުސާރަތަށް އެބައިމީހުންނަށް ލިބެއެވެ. ނަމަވެސް ދަށުން މަސައްކަތް ކުރަން ތިބޭ އާދައިގެ ނިކަމެތި މުވައްޒަފުންނަށް އެމީހުންނަށް ދޭންވާ މަހު މުސާރަ މަސްދެމަސް ވާއިރުވެސް ނުލިބެއެވެ. މިއީ ކޮންފަދަ އިސްނާފެއް ތޯއެވެ. ކޮންފަދަ ނިކަމެތިކަމެއް ތޯއެވެ. މިއީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ނާއިންސާފުން ހިނގާ އަދި މާޒީގައި ވެސް ހިނގާފައި ހުރި ކަންކަމެވެ. މިފަދަ ކަންކަން ބަލާ އެކަން ރަނގަޅު ކުރެވޭނެ ފަދަ އިޚްލާސްތެރި މުއައްސަސާއެއް ނެތުމުން ދެން އެފަދަ މުވައްޒަފުން މަސައްކަތް ކުރާ އޮފީހަށް ނުވަތަ ކުންފުއްޏަށް ހުންނާނީ ކޮން ލޯތްބެއް ހެއްޔެވެ. ނުވަތަ ކޮން ކުލުނެއް އޯގާތެރިކަމެއް ހެއްޔެވެ. މިއީ ވިސްނާލަން ޖެހޭ ހަޤީޤަތެކެވެ.
ކަން މިހެން ހުރި އިރު، މި ފަދަ ކަންކަން އިސްލާހުކޮށް މުވައްޒަފުން ޒިންމާދާރު ކުރުމަށް މަޤާމުތަކަށް އެކަށޭނަ ވެރިން އައްޔަން ކުރުން މުހިންމެވެ. ވަކި ކުލައެއްގެ ވަކި ޕާޓީއަކަށް ނުބަލާ އިޚްލާސްތެރިކަމާއި އެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރާ ވެރިން އިސް މަޤާމުތަކަށް އައްޔަން ކުރުން މުހިންމެވެ. ވެރިން ޒިންމާދާރު ނުވެ ދަށުން މަސައްކަތް ކުރަން ތިބޭ މުވައްޒަފުން ޒިންމާދާރު ކުރުން އެއީ އެއްވެސް ހާލަތެއްގައި ނުވާނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް