ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ 8 ވަނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ 8 ވަނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ އެވެ. ޔޫއެންޑަބްލިއުޓީއޯ ގެ އެގްޒެކެޓިވް ކައުންސިލް 113 ވަނަ ބައްދަލުވުމާއިގުޅުވައިގެން ބޭއްވި މި ބައްދަލުވުން އޮތީ ...

19 Jan 2021 | 14:06

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގެ 8 ވަނަ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.

ޔޫއެންޑަބްލިއުޓީއޯ ގެ އެގްޒެކެޓިވް ކައުންސިލް 113 ވަނަ ބައްދަލުވުމާއިގުޅުވައިގެން ބޭއްވި މި ބައްދަލުވުން އޮތީ މި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑްގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް އެވެ. އެއީ ޔޫއެންޑަބްލިއުޓީއޯ، ކޮމިޝަން އޮފް ސައުތް އޭޝިއާގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުން ނެވެ.

މި ބައްދަލުވުމުގެ މައިގަނޑު ތީމަކީ ދުބނިޔޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 އާ ގުޅިގެން މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދާ، މާނަވީ ގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުމެވެ.

އެގޮތުން މިހާރު ތަޢާރަފްކުރަމުންދާ ވެކްސިންތައް އާބާދީގެ ބޮޑުބަޔަކަށް ބޭނުންކުރެވި، ވެކްސިން ޖެހުމުގެ ސެޓްފިކެޓް ހިފައިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ކޮންމެހެންވެސް ބޭނުންކަމެއްގެ ގޮތުގައި ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

މެޑްރިޑް މޭޔަރ މިސްޓަރ ޖޯސް ލުއިސް މާރޓިނޭޒް އަލްމޭދިއާ އިފްތިތާޙުކޮށްދެއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ޔޫއެންޑަބްލިއުޓީއޯ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޒޫރަބް ޕޮލޮލިކަޝްވިލި، އެގްޒެކެޓިވް ކައުންސިލް ޗެއަރ މިސްޓަރ ނަޖީބް ބަލާލާ ހިމެނެ އެވެ.

މީގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެސިޑެންޓް މިސްޓަރ މާގަރަޓިސް ޝިނަސްއާއި ސެކްރެޓަރީ ފޮރ ގްލޯބަލް އޮފް ސްޕެއިން މިސްޓަރ މަނުއަލް މޫނީޒް އަދި ސެކްރެޓަރީ ޖެނެރަލް މިސް ފަންގ ލިއު ވެސް ވަނީ މި ބައްދަލުވުމުގައި ވާހަކަ ދައްކަވާފަ އެވެ.

މި ކޮމެޓީއަކީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ކޮމެޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް