ޓިއުޝަންއާ ޤުރުއާން ކްލާސްތައް ހުޅުވަން ހުއްދައެއް ނުދޭ، ގައިޑްލައިނެއްވެސް އަދި ނުހަދާ!

ޤުރުއާން އާއި ޓިއުޝަން ކްލާސްތައް ހުޅުވައިގެން ކިޔަވައި ދިނުން ކުރިޔަށް ގެންދަން ހުއްދަ ދީފައި ނުވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗްޕީއޭގެ ހުއްދަ އާއި...

19 Jan 2021 | 11:24

ޤުރުއާން އާއި ޓިއުޝަން ކްލާސްތައް ހުޅުވައިގެން ކިޔަވައި ދިނުން ކުރިޔަށް ގެންދަން ހުއްދަ ދީފައި ނުވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ހުއްދަ އާއި އެކު މިއަހަރު ފެށުމާއި އެކު މާލޭ ސްކޫލްތަކުގައި ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ވަނީ ފަށާފައި އެވެ. އެކަމަކު ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން އެޑިއުކޭޝަން މިނިސްޓްރީއަށް ދީފައެއް ނުވެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޓިއުޝަން އާއި ޤުރުއާން ކްލާސްތަކަކީ ސްކޫލް ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ވަރަށް ގިނަ ކުދިން އެއްފަހަރާ ގެންގޮސްގެން ކިޔަވައިދޭ ތަންތަން ކަމަށެވެ. އެހެންކަމުން އެ ތަންތަނުގައި އިޖްތިމާއީ ގައިދުރު ކަމާއި އެކު ކުދިންނަށް ކިޔަވައި ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޤުރުއާން ކިޔަވަން ޖެހޭނީ ބާރަށް ކަމަށްވާއިރު އެހާ ކައިރި ކައިރީގައި ތިބެގެން މާސްކު އަޅައިގެން ބާރަށް ކިޔެވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ތަންތަން ފެށުމުގެ ހުއްދަ ނުދެނީ ކޯވިޑް ކޮންޓްރޯލް ކުރުމުގެ ގަވައިދާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

އިތުރަށް ވިދާޅުވީ ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތަކަށް ހާއްސަކޮށް ގައިޑްލައިނެއް އަދި ހަދާފައި ނުވާ ކަމަށެވެ. އަދި އެތަންތަން އިންސްޕެކްޓު ކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އެޗްއީއޯސީން މިހެން ބުނި އިރު މާލޭގެ ބައެއް ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ވަނީ ހުޅުވާފައި އެވެ. އެކަމަކު އެ ތަންތަނުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ނުކުރެވޭ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް