މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް އުނދަގުލަކާ ނުލައި އައިސް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރަމުން ދެއެވެ. މިގޮތުން 54 އައިސް ޕްލާންޓެއް މިހާރުވެސް ހިންގަމުން ދެއެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ،ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރުވެސް އައިސް ޕްލާންޓް އެބަހުރިކަމަށެވެ. ނަމަވެސް އެއް ސަރަހައްދަކުން ގިނަ ދޯނިތަކެއް އައިސް އަޅާތީ، ބައެއް ފަހަރު އައިސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަނީ ކަމަށެވެ. އެހެންކަމުން އިތުރަށް އައިސް ޕްލާންޓްތަކެއް އެޅިގެން ދިއުމުން މަސްވެރިންނަށް ލުއިފަސޭހަ ވެގެން ދާނެއެވެ.
އައިސްޕްލާންޓްގެ އިތުރުން، ފެން ފިނިކުރާ ނިޒާމުގެ 50 ލޯނަށްވެސް ވަނީ ހުޅުވާލާފައެވެ. މި ނިޒާމް ޤާއިމްކުރުމަށް ސަރުކާރުން ދޫކުރާ މި ލޯނަކީވެސް މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާ ނިޒާމެކެވެ. މިއީ "ކަނޑުފަޅުގެ ނަފާ" ނަމުގައި ދޫކުރާ ލޯނެކެވެ. މި ލޯނު ދޫކުރަނީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ.
މިއަހަރުގެ ތެރޭގައި އައިސްޕްލާންޓް އެޅުމަށް ކަނޑައަޅާފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލި، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، ލ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް