ރާއްޖޭގެ ބޮޑެތި ކަނޑޫފާތައް މަރުވާން ދިމާވާ މައްސަލަތައް ދެނެގަތުމަށް ނެގި ސާމްޕަލްތައް އިންޑިއާގެ ކޮޗިންއަށް ފޮނުވައިފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ހަތް ރަށެއްގެ ކަނޑޫފަލުން ނެގި ސާމްޕަލްތައް ތަހުލީލު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. މި ތަހުލީލުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލިޖީގައި އެވެ.
އެ ޔުނިވާސިޓީއިން މި ސާމްޕަލްތައް ތަހުލީލުކޮށްދެނީ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން މެދުވެރިވެގެން އެ ކޮމިޝަންގެ އެހީގައި ކަމަށް އީޕީއޭއިން ބުނެ އެވެ.
މި ތަހުލީލުތައް ކުރުމަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވަނީ އީޕީއޭގެ ޓީމުތައް ރަށްރަށް ގޮސްގެންނެވެ. އެކަމަކު އެއީ ކޮން ހަތް ރަށެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެ އޮތޯރީޓީން ބުނީ މި ތަހުލީލުތަކަށްފަހު ކަނޑުފާތައް މަރުވެ ނެތިގެންދާ ސަބަބު ހާމަވާނެ ކަމަށެވެ. އަދި މިކަން ކޮންޓްރޯލް ކުރުމަށް ދެން އަޅާނެ ފިޔަވަޅުތައްވެސް ދެނެގަނެވިގެންދާނެ ކަމަށެވެ.
އީޕީއޭގެ ޓީމުތައް ދިޔަކަން މީޑިއާގައި ހާމަވެފައިވަނީ ހއ. ކެލާ އާއި ހދ. ނޭކުރެންދޫއަށެވެ. މީގެ ތެރެއިން ނޭކުރެންދޫ ކަނޑޫފާ އަކީ ރާއްޖޭގައި އޮންނަ އެންމެ ބޮޑުކަނޑޫފާއެވެ.
އެ ކަނޑޫފާގެ ބޮޑު ބައެއް ކުއްލި ގޮތަކަށް މަރުވީ މިދިޔަ އަހަރު އެވެ.
https://twitter.com/EPAMaldives/status/1351426689427861505
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް