ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ކުށުގެ ދައުވާ އުފުލި މީހަކު ނަފްސާނީ ބަލި ހުންނަކަމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ލިޔެކިޔުމުން އެނގޭތީ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމި މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ ވ. ބިންފެހި މުހައްމަދު ހަމްދާން އަބްދުﷲ އަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ 2019 ފެބްރުއަރީ 20 ވަނަ ދުވަހު އިންޑިއާއިން އައި އިރު ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފެނިފައިވާތީ އެވެ.
އެ ދައުވާގެ ދިފާއުގައި އޭނާ ވަނީ ޑިޕްރެޝަންއާއި އެންޒައިޓީގެ ސަބަބުން ވިސްނުމަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައި އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުުން ކުރި ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިޔަ އިރު އޭނާއަށް އެ މައްސަލަ ފަހުމް ވާކަން އެނގޭޭ ކަމަށެވެ. އެގޮތުން އޭނާ ދައުވާއަށް ކޯޓުގައި އިންކާރު ކުރުމުގެ އިތުރުން ތަނަވަސްކަން ނެތުމުން ދައުލަތުން ވަކީލަކު އައްޔަން ކޮށްދިނުމަށް ޝަރީއަތް ކުރިޔަށް ދިޔައިރު އެދިފައިވާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ހަމްދާންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށްޓަކައި ކަންކުރަންވީ ގޮތް ބުނެދިނުމަށް ދެއްކި ވާހަކަތަކަށް ރަނގަޅަށް ޖަވާބު ދިން ކަމަށާއި ދެއްކި ވާހަކަ އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި ހުރިހާ ސުވާލުތަކަށް ރަނގަޅަށް ޖަވާބުދާރީވަމުން ދިޔަ ކަމަށާއި ވިސްނައިގަތުމާއި ދެނެގަތުން ރަނގަޅުކަމަށް ފާހަގަކުރެވޭކަމަށާއި އޭނާއަށް ރަނގަޅަށް ފަހުމްވި ކަމަށް ސައިކޮލޮޖިސްޓު ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ހަމްދާންގެ ފަރާތުން ހުށަހެޅި ރިޕޯޓުގެ ހުލާސާގެ ތެރޭގައި އޭނާ އަމިއްލައަށް ސައިކޮލޮޖިކަލް ޓެސްޓުގެ ނަތީޖާ ކޮންޓްރޯލު ކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށާއި އެކަމުން ޑޭޓާއަށް އަސަރުކުރާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ގާނޫނުލްއުގޫބާތު ބުނާގޮތުން، ސިކުނޑީގެ ހާލަތު ހުރި ދައުވާގެ ބާވަތާއި މަގްސަދު ވިސްނައިގަތުމަށް ނުކުޅެދިގެންވާ ނަމަ ނުވަތަ ދިފާއުގައި ވާހަކަ ދެއްކުމުގެ ގާބިލްކަން ނެތް ނަމަ އެ މީހަކު ކުށްވެރިއެއް ނުވާނެ އެވެ.
މިއީ އެފަދަ ދިފާއެއްގެ ދަށުން ބޭރުކޮށްލި މައްސަލައެއް ހައި ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް