އިތުރު ދައުރަކަށް އަދާލަތުގެ ރައީސް ކަމަށް އިމްރާން ކުރިމަތި ލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރަން މިހާރު އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ނިންމަވައިފި އެވެ. އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބ...

19 Jan 2021 | 07:42

އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރަން މިހާރު އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް އޭނާގެ ދައުރު މުހިންމު ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ނިންމުމަށް އެ ޕާޓީގެ ގިނަ މެމްބަރުންވެސް ތާއީދު ކުރައްވާ ކަމަށެވެ.

އިމްރާން އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ނިންމެވި އިރު އެ ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުއްވީ އިމްރާން އެވެ. އެ އިސްލާހު ފާސްކޮށް މި އިންތިހާބުގައި އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލާފައި އެވެ.

https://twitter.com/ShimranAb/status/1351432768580771840

އިމްރާންގެ އިތުރުން މި އިންތިހާބުގައި ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް ވާދަ ކުރުމަށް އިތުރު ބޭފުޅަކު ފޯމް ހުށަހެޅި ކަމެއް  ނޭނގެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަދާލަތުގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ޝައުގުވެރިކަން ފާޅު ކުރައްވާފައިވެ އެވެ.

މި އިންތިހާބަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އަށް ހަމަވާނެ އެވެ.

މި އިންތިހާބު ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. އެކަމަކު ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލާން ބޭނުންވާ ގޮފިތަކުން އެކަމަށް ޕާޓީގައި އެދުމުން އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް