ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވޭގޮތަށް ބިލު ފާސްކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނ...

19 Jan 2021 | 07:03

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާޓުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ބިލު ފާސްކޮށްފައި މިވަނީ ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެންނެވެ.

މިގޮތަށް ފާސްކުރި މިއަދު މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތާއީދުންނެވެ. ބިލާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10 ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް ބިލުގައި އޮތީ ހިމަނާފައެވެ.

މި ގާނޫނަށް ގެނައި އިސްލާހާއި އެކު މި ބިލު ރައީސް ތަސްދީގު ކުރައްވާތާ ހަތް ދުވަސް ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިރުޝާދާއި އެކު އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތަކާ ގަވައިދުތައް އެކުކަވާލައި އާންމު ކުރަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް