ދައުރުން ބޭރުގައި މިއަދު ކުރިޔަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ނުފެށި ލަސްވީ އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހާޒިރު ނުވެގެން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ދަނީ ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނު2020 އަށް އިސްލާޙު ގެނައުމަށެވެ. އެ ގާނޫނަށް އިސްލާހު ގެންނަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ނަމަވެސް ކައުންސިލް އިންތިހާބު ބޭއްވޭނެ ގޮތް ހެދުމަށެވެ.
ފަހުން ކޯރަމް ހަމަވެގެން ޖަލްސާ ފެށުމުން ބަހުސް ކުރުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޖަލްސާ ފެށުން ލަސްވަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން މަޖިލީހަށް ހާޒިރު ނުވާތީ އެވެ. ޝިޔާމް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން އިންތިހާބު ބޭއްވުމަށް ޖާގަ ދޭން ބޭނުން ނުވާކަމަށެވެ.
އަދި މަސައްކަތް ކުރަނީ އެކި ގޮތްގޮތުން އިންތިހާބު ފަސްކޮށް ލަސްކުރުމަށް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި އަދުލުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމާއި، ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުދިނުން ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް އިންތިހާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވޭނީ މިމަހުގެ 31 ގެ ކުރިން އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް