މިއަހަރު ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ ހަމަވެފައި...

19 Jan 2021 | 06:37

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ ހަމަވެފައި އެވެ. އެގޮތުން އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 50،611 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެކަމަކު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 46 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 17 ދުވަސްތެރޭގައި ރާއްޖެއަށް 94،327 ޓޫރިސްޓުން އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 12،029 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 8،042 ޓޫރިސްޓުން އައިސްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ޔޫކްރެއިންއިން 4،292 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު ބޯޑަރު ހުޅުވި ފަހުން ޑިސެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނަ ޓޫރިސްޓުން ތިން ވަނައަށް އަންނަ ގައުމަކީ އިނގިރޭސިިވިލާތެވެ. އެކަމަކު ކޯވިޑްގެ އާ ވޭރިއެންޓު ފެތުރެން ފެށުމުން އެ ގައުމު ލޮކްޑައުންކުރުމުން އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުން ވަނީ މަދުވެފައި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިހާރު ދުވާލަކު ރާއްޖެއަށް 4،000 އާއި ގާތްކުރާ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 585 ޓޫރިސްޓް ފެސިލިޓީއެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 142 ރިސޯޓަކާއި 11 ހޮޓަލަކާއި 133 ސަފާރީއެއްގެ އިތުރުން 299 ގެސްޓްހައުސް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް