ބޭސް ދޭ ގަޑި ޖެހުނީ ދޯ............. ހިނގާ އެތެރެއަށް ............. ޕްރެޝަރ ވެސް ބަލާލަން ވާނު.............. ރޭގަވެސް ކުޑަކޮށް މަތިކޮށް ހުރީ................. އަދި މިހެންބުނީ މަ މި ހަނދާންވީ............ އެކޮޅުން ވަރަށް ޕްރެޝަރ ކުރޭ އެބަ............ ހޮސްޕިޓަލުން........... މިހާރު ނުވަ ދުވަސް ވީނު ............. ދާން ޖެހޭނެ ކަންނޭނެ............... ވަރަށް ގިނަ ޑޮކްޓަރުން މިވަގުތު ޗުއްޓީގަ ތިބީމަ ވަރަށް ބާރުބޮޑުކޮށް ދަނީ................. މަށަށްވެސް ފަނަރަދުވަސް ދިނީވެސް އެވަރަށް ކިޔައިގެން.......'' ފަހުދު ބޭނުންވަނީ ވީހާވެސް އަވަހަކާ މާލެ ދާށެވެ.
''މިހާރު ބައްޕަ ވެސް ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ............ ދެން ފަހުދު ދާންވީނު އެހެންވީމަ ............. އަހަރެން އެކަނި މިހާރު މެނޭޖް ކުރެވޭނެ................ އަނެއްކޮޅުން ޒާރާގެ ދެމައިންނާ މަންމަވެސް ވަރަށް ހިތްހަމަޖެހޭނެ ފަހުދު ދިޔައިމަ.............'' އިމްރާން ދިން ޖަވާބުން ފަހުދުގެ ހިތް އުފަލުން ނަށާލިއެވެ.
''އެކަމަކު އަހަރެން ދާކަން ނާންގާ ދާން ބޭނުމީ ............... ބޮޑުދައިތައާ ފަހަރިއަށް ސަޕްރައިޒެއް ދޭން ރަނގަޅު ދަނޑިވަޅެއްނު މީ..................'' ފަހުދު ބޭނުންވި ގޮތް ހާމަކުރިއެވެ.
''ތީ ހަމަ ވަރަށް ރަނގަޅު ގޮތެއް........... އެކަމަކު މި ހިތަށް އަރަނީ ފަހުދު ދަންޏާ މިކޮޅުން ޒާރާ އަށް ހެދުންކޮޅެއް ފޮނުވަންކަމަށް.......... ކުޑަމީހާއަށްވެސް ބައެއް ކުޅޭ ސާމާނާ ހެދުން ގަންނަން ކަމަށް މި ވިސްނީ.......... ޒާރާ ގާތުގައި އަހާލާނަން........... އޭނާ ބޭނުންވާ އެއްޗެއްވެސް އެނގޭނީ އަހާލީމަ އެއްނު.............'' އިމްރާން އެވަގުތުވެސް އެ ވިސްނަމުންދަނީ ޒާރާއާ މެދުގައެވެ.
''އަހަރެން ދާ ވާހަކަ ނުބުންޏަސް ބޭނުން އެއްޗެއް އޮތްތޯ އަހާލެވިދާނެ ދޯ..........'' އޭނާގެ ޕްލޭން ފެއިލް ވާން ބޭނުން ނުވާތީ ފަހުދު އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
ދެމީހުން ވާހަކައިގާ ތިއްބާ އަލިބެ ކެއްސާލި އަޑު އިވުނެވެ. ބޭސް ދޭ ގަޑި ޖެހިފައިވުމާއެކު ދެ މީހުންވެސް އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ. އެވަގުތު އިއްބެގެ ކޯލެއް ފަހުދަށް އައެވެ. ވަރަށް ބޮޑުކަމެއް ވެގެން ނޫނީ އިއްބެ ނުގުޅާނެކަން ފަހުދަށް އެނގެއެވެ. އެހެންކަމުން ކުޑައިރުކޮޅަކުން އެބަ ގުޅަމޭ ބުނެ އަވަސްވެގަތީ އަލިބެގެ ޕްރެޝަރ ބަލާލުމަށެވެ.
އަލިބެއަށް އަސާގަނޑެއްގެ އެހީގައި ހިނގާލެވޭވަރު ވެއްޖެއެވެ. އަމިއްލައަށް އެނދުން ތެދުވެ، އޮށޯވެ ހެދެއެވެ. އަލިބެގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް ހަދަންޖެހޭ އިތުރު ޓެސްޓްތަކާ ދުވަހުން ދުވަހަށް ދޭން ޖެހޭ ތެރަޕީތައް އަދި ނިމޭނެ ދުވަހެއް ނޭނގެއެވެ. އެހެންކަމުން މާލެދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ދުވަސްތައް ގުނާލަ ގުނާލަ ހުރުން ނޫންގޮތެއް އަލިބެއަކަށް ނެތެވެ.
*******
ފަހުދުގެ ފޯނު ކޯލުގެ އިންތިޒާރުގައި އާދިލް އިންނަތާ އިރުކޮޅެއް ވެއްޖެއެވެ. ޒާރާ އާ ބައްދަލުވުމަށްފަހު އާދިލްގެ ހަމަހިމޭން ދުނިޔެ ވަނީ އެފުއްމިފުށަށް ޖެހިފައެވެ. ޑިއުޓީއަށް ސަލާމް ބުނެފައި ކޮޓަރިތެރޭގައި އެކަނި އޮންނަތާ ސައުވީސް ގަޑިއިރު ވީއެވެ. ބޭސްކެއުމުން ބޮލުގައިރިހުމަށް ލުއިކަމެއް ލިބުނު ނަމަވެސް އޭނާއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަނީއެވެ. ނޭވާ ކުރުވެ ބޮލަށް އެނބުރުން އަރާލެއް އަވަސްވެފައި ވަރުބަލިކަން އިހްސާސް ކުރެވެނީއެވެ. ބޮލުގެ އޮޕަރޭޝަނަށްފަހު ވިސްނުމާ ފިކުރުތަކުން ހުސްވެގެން ހުންނަން ޑޮކްޓަރުން އިރުޝާދު ދީފައި ވީނަމަވެސް އާދިލްގެ ސިނކުޑި ވަނީ ފުނިޖެހިފައެވެ.
އެ ޚިޔާލުތަކާ ދުރަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް އާދިލްއަކަށް ނުފެނުނެވެ.
ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ފުނިޖަހާފައިހުރި ކާޑުތަކަށް އާދިލް ބަލާލިއެވެ. އެއީ ޒާރާ އޭނާއަށް ނުހަނު ލޯބިން ދީފައިވާ ކާޑުތަކެކެވެ. އާދިލް އެތައް ފަހަރަކު އެ ކާޑުތައް ކިޔައިފިއެވެ. ލޯބި ވެތި ބަސްތަކުން ލިޔެފުރާފައިވާ ކާޑުތަކެކެވެ. ކޮންމެ ކާޑެއްގައިވާ ކޮންމެ ލަފުޒަކުން އާދިލްގެ ހިތަށް މިއަދު ލިބެނީ ތުރާލާ ވޭނެވެ.
އެނދުގައި އާދިލް އޮށޯވެލީ ވަރުބަލިކަން އިހްސާސްވެ ބޮލަށް އެނބުރުން އަރަން ފެށުމުންނެވެ. އެވަގުތު އާދިލްގެ ފޯނު ރިންގު ވާން ފެށިއެވެ. އެއީ އާދިލް އިންތިޒާރު ކުރަމުންދިޔަ ކޯލެވެ.
''ކީކޭ އިއްބޭ....... ތަންކޮޅެއް ބިޒީކޮށް އިއްބެ ގުޅިއިރު އުޅުނީ.................'' ފަހުދު ވާހަކަދެއްކީ އޭނާގެ ޕޭޝަންޓަކާ ވާހަކަ ދައްކާވަރަށްވުރެ ގާތްކޮށެވެ.
''މިއުޅެނީ ބޯ އަނބުރާ، ބޮލުގެ އެއްފަޅީގައި މާ ބޮޑަށް ރިއްސާތީ......... އެއްކަލަ ލަކުނު އިންފަޅީގައި......... '' އާދިލްގެ އަޑުގައިވެސް ވަނީ ވަރުބަލިކަމެވެ.
ފަހުދާ އެތައްއިރަކު ވާހަކަދައްކެމަށްފަހު އާދިލް ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނީ ފަހުދު ދެދުވަހެއްގެ ތެރޭގައި މާލެ އަންނާނެ ވާހަކަ ބުނީމައެވެ.
***********
ރޭނގަޑުގެ ވަގުތެވެ. ޒާރާ ހުރީ ބެލްކަންޏަށް ހުޅުވެންހުރި ކުޑަދޮރުކައިރީގައެވެ. ހުނޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން މުޅި މާލެ ވަނީ ފެންބޮޑުކޮއްލާފައެވެ. މަގުތަކުން ފެންނަނީ ފަޅުކަމެވެ. އެހެނަސް ދުއްވާއެއްޗިހި މަގުތަކުގައި މަދެކޭ ނުބުނެވޭނެއެވެ. ހިނގާ މީހުންވެސް މަދުމަދުން ފެނެއެވެ. ފައިކުރި އެތައް ހިސާބަކަށް އޮޅައިގެން އަސްކަނިތަކުގެ ނިވަލަށް ޖެހިލައިގެން ތިބި ބައެއް މީހުންވެސް މަގުމަތީގައި އެބަތިއްބެވެ.
ޒާރާއާ އާދިލް ފުރަތަމަ ދިމާވީވެސް މިފަދަ ވިއްސާރަ ރެއެއްގައެވެ. އާދިލްގެ ހަނދާންތައް ހިތުން ފޮހެލަން ޒާރާ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
ބޭރުން ބެލް ޖަހާލި އަޑު އިވުމުން ޒާރާއަށް ބަލާލެވުނީ ގަޑިއަށެވެ. ގަޑިން އަށްގަޑި ބައިވަނީއެވެ. ޖީނާ ކާއެއްޗިހި ހިފައިގެން އައީކަން ޔަގީނެވެ. އާނއެކެވެ. ބޭރުގައި ހުރީ ޖީނާއެވެ.
''ކޮންމެވެސް މީހަކު ދިނީ............ ކުޑަމެޑަމްގެ ނަން ބުނަނީ............'' ޖީނާ އަތުގައިވާ ރަތް ފިނިފެންމާ ބޮނޑި ޒާރާއާ ދިމާލަށް ދިއްކޮއްލަމުން ޖީނާ ހިނިތުންވެލިއެވެ.
''ކާކު ދިން އެއްޗެއް...............'' ޒާރާ މާބޮޑީގައި ހިފުމުގެ ކުރިން ސުވާލު ކޮއްލިއެވެ.
''ޑެލިވަރީ ބޯއި ހުންނަނީ.............. މާވިއްކާ ޝޮޕް ހުންނަނީނު.............'' ޖީނާ ބެލީ ޒާރާއަށް އޮޅުންފިލުވާދެވޭތޯއެވެ.
މާ ބޮނޑީގައި ހިފުމަށްފަހު ޒާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ރަނގަޅަށް މާބޮޑިއަށް ބަލާލިއެވެ. އެތެރޭގައި ކަރުދާސްކޮޅު ޒާރާގެ ލޮލުގައި އަޅައިގަތެވެ. ކަރުދާސްކޮޅު ނިއުޅުވާލާލުމަށްފަހު ކިޔާލިއެވެ.
''ލޯބިވާއެވެ. .......... އަހަރެންގެ އުނގުތެރެއަށް އަންނާށެވެ. ހިތް ފުރެންދެން ތި ދެލޮލަށް ބެލުމުގެ ފުރުސަތު އަހަންނަށް ދޭށެވެ............ ލޯބިވާއެވެ................. އަހަރެންގެ ދެދޮލުން ތިބާއަށް، ތިބާގެ މޫނަށް ބެލޭނަމަ އަހަރެން ތިބާ އަށް ބަލަނީ ކިހާލޯބިންކަން އިހްސާސް ކުރެވެއެވެ..........
ލޯބިވާއެވެ......... ތިބާއަށް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެމެވެ............ ތީ އަބަދުވެސް އަހަރެން އެންމެ ލޯބިވާ އިންސާނާއެވެ............. ދުވަހަކުވެސް އަހަރެން މިވާވަރަށް، ޒާރާ ދެކެ އެހެން މީހަކަށް ލޯތްބެއް ނުވެވޭނެކަން ހަނދާންކުރައްޗެވެ........... ހެޕީ ބާތްޑޭ ފުރާނަޔާ........އައި މިސްޔޫ ސޯމަޗް....'' ކަރުދާސްކޮޅުގައި ލިޔެވަފއިވާ އިބާރާތްކޮޅު ކިޔާލުމާއެކު ޒާރާގެ ރޫޙް ހިނިތުން ވެލިއެވެ. ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ވަގުތުން ބޭނުންވީ އިމްރާނަށް ގުޅާށެވެ. އެ މާބޮޑިއަކީ އިމްރާން ފޮނުވި އެއްޗެއްކަމާމެދު ޒާރާ ޝައްކެއް ނުކުރެއެވެ. ސަބަބަކީ ޒާރާގެ ކޮންމެ އުފަންދުވަހެއް އިމްރާން ފާހަގަކުރަނީ އެފަދަ ކޮންމެވެސް ސަޕްރައިޒަކުންނެވެ.
މާބޮނޑި ހިފައިގެން ކޮޓަރިއަށްވަދެ ވާސްއަކަށް ޖަހާލިއެވެ. އެވަގުތު ސިޓިންރޫމުގައި ހުރި ފޯނު ރިންގުވާންފެށިއެވެ. ލޭންޑް ލައިނަށް މިހާރު ގުޅިޔަސް ގުޅަނީ އިމްރާނުގެ އޮފީސް ކުދިންނެވެ. އެގޮތަށް އެކުދިން ގުޅަނީ އިމްރާންގެ މޯބައިލަށް ގުޅާ ޖަވާބު ނުލިބުނީމައެވެ. މަދުފަހަރަކުއެވެ. އެވާނީ އިމްރާނުގެ އޮފީސްކުއްޖަކު ގުޅަނީކަމުގައި ހީކޮށް ޒާރާ ހިނގައިގަތީ ފޯނާ ދިމާއަށެވެ.
''ހަލޯ..........'' ޒާރާ ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިއެވެ.
''ހެޕީ ބާތްޑޭ........... އުންމީދުކުރަން ހަދިޔާ ކަމުދިޔަކަމަށް.................'' ޒާރާއަށް އޭނާގެ ކަންފަތަށް އިވުނު އަޑު ގަބޫލެއް ނުކުރެވުނެވެ. ދެވަނަ ފަހަރަށް އެ އަޑާމެދު ވިސްނާލެވުނެވެ. އިމްރާނު ބާވައެވެ. ޒާރާއަށް ސަޕްރައިޒް ދިނުމުގައި އިމްރާން އުޅެނީ ވަރަށް ކުރީގައިކަން ޒާރާ ހަނދާނެއް ނުނެތެއެވެ.
''ހަލޯ..............'' ޒާރާ ބޭނުންވީ ދެވަނަ ފަހަރަށްވެސް އެ އަޑު އަހާލާށެވެ. އިމްރާން ކަން ޔަގީން ކުރުމަށެވެ.
''އުފާވެރި އުފަންދުވަހަކަށް އެދެން...........'' އެއީ ފިރިހެން ވަންތަ ރީތި އަޑެކެވެ.
'' ދެން މިހާރު އެނގިއްޖެ.............. ކޮންމެހެން އަޑު ބަދަލުކުރަން އުޅޭނެ ކަމެއްނެތް.......މަށަކަށް ނޯޅޭނެ އިނގޭ ތިއަޑެއް.............. އާނ......... ހަދިޔާ ވަރަށް ކަމުދޭ............ އެނގޭ އަވަރަށް ލޯބިން ފޮނުވި އެއްޗެއްކަން ........... ވަރަށް ލޯބިވާކަން ގަބޫލުކުރަން................. އެނގޭ ލޯބިވާތީކަން ތިގޮތަށް ސަޕްރައިޒް ދޭނީ............. އަހަރެންވެސް ވަރަށް މިސްވޭ......................... ހަމަ އެހާ ލޯބިވެސް ވޭ................. އެހާ މޮޅުކޮށް އިބާރާތް ކުރަން ނޭނގުނަސް ................... ހަމަ ވަރަށް ލޯބިވޭ އިނގޭ.......... ގަބޫލުކުރަންތަ އަހަރެން ލޯބިވާކަން...............'' ޒާރާ ހިނިތުންވެލިއެވެ. އިމްރާން އެވާހަކަތައް އަޑު އަހާފައި އުފާވާނެ ވަރު ޒާރާއަށް އަންދާޒާ ކުރެވޭތީއެވެ.
..........................................................
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 21 ޖަނަވަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް