ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލާނިން އަށް އައު ފުރުސަތުތަކެއް

ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލާނިން ނުވަތަ ތަހުލީލީ އުނގެނުން އިތުރު ކުރުމަށްޓަކައި ވިލާ ކޮލެޖުގައި ސައިކޮލޮޖީ ލެބް އެއް ހުޅުވައިފިއެވެ. ވިލާ ކޮލެޖުގެ ސައިކޮލޮޖީ ޕްރޮގްރާމް ރާވާފައި ވަނީ...

18 Dec 2021 | 17:53

ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލާނިން ނުވަތަ ތަހުލީލީ އުނގެނުން އިތުރު ކުރުމަށްޓަކައި ވިލާ ކޮލެޖުގައި ސައިކޮލޮޖީ ލެބް އެއް ހުޅުވައިފިއެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ ޕްރޮގްރާމް ރާވާފައި ވަނީ ތިއަރީ އަދި އަމަލީ ތަޖުރިބާގެ މައްޗައް ބިނާކޮށެވެ.

ވިލާ ކޮލެޖްގެ ސައިކޮލޮޖީ ލެބް އިފްތިތާހް ކޮށްދެއްވީ ސެންޓަރ ފޮރ މެންޓަލަ ހެލްތް ގެ ، ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިއާ އަލީ އެވެ. މިއީ ރާއްޖޭގައި މި ދާއިރާއިން ހުޅުވިގެންދިޔަ ފުރަތަމަ ލެބެވެ.

މި ލެބް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ސައިކޮލޮޖީ ކިޔަވައިދޭގޮތް ވީހާވެސް ބޮޑަކަށް ރާއްޖޭގެ މާހައުލާއި އެކަށީގެންވާ ގޮތަކަށް ބައްޓަން ކުރުން ކަމުގައި ވިލާ ކޮލެޖުން ހާމަ ކުރެއެވެ.

އެގޮތުން މި ލެބްގެ ބޭނުން ކުރެވޭނީ ސައިކޮލޮޖީ ދާއިރާ އާއި ގުޅޭ ރިސާޗްތައް ހެދުމާއި ކިޔަވައި ދިނުމުގެ އެކި އެކި ހަރަކާތްތަކަށް ކަމުގައި އެ ކޮލެޖުން ބުނެއެވެ.

މިގޮތުން ކުދިންގެ ކޮގްނިޓިވް ޑެވެލޮޕްމެންޓް ތަރައްޤީ ވަމުން އަންނަ ގޮތުގެ އެކްސްޕެރިމެންޓްތައް ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތުން ފަރުމާކޮށް ގެން ކުރިއަށް ގެންދެވޭނެއެވެ.

ވިލާ ކޮލެޖުގެ އުންމީދަކީ މިއަދު އިފްތިތާހް ކުރެވިގެން ދިޔަ މި ލެބާއިއެކު ސައިކޮލޮޖީ ކިޔަވައިދޭނެ ބޭނުންތެރި މުހިންމު އައު ގޮތްތަކެއް ތަޢާރަފްކޮށް ސައިކޮލޮޖީގެ ރޮނގުން ހަރުދަނާ ޤާބިލް ފަންނީ ޖީލެއް ބިނާ ކުރުމެވެ.

ވިލާ ކޮލެޖުން ހާމަ ކުރާ ގޮތުގައި އެ ކޮލެޖުން އަންނަނީ އަބަދުވެސް ދަރިވަރުންގެ ކިޔެވުމާއި ދާއިރާއިން ތަޖުރިބާ އާއި ހުނަރު އިތުރުވާ ފަދަ ކަންތައްތައް ތައާރަފު ކުރަން މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަލަށް ހުޅުވި ލެބާއެކު ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުން މަތީ ތައުލީމް ޙާސިލްކުރާ ދަރިވަރުންނަށް ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި އެ ކޮލެޖުން އުންމީދު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް