ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިހާބުވެފައި ހުންނެވި ހުސައިން އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރަން ބޭނުން ވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ފޯމް ހުށަހެޅުމަށް [email protected] އަށް ހުރިހާ ލިޔެ ކިޔުންތަކެއް އީމެއިލް ކުރަން ޖެހެނީ އެ ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ.
ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެ ހެނދުނު 10:00 ން ހަވީރު 5:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްތަކާއި މާލޭގެ އެމްޑީޕީ ހަރުގޭގައި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އީސީއަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް