މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ދެ ބޯޓު ގެންނަން ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓުތައް ގެންނަނީ މޯލްޑިވިއަންގެ ބައެއް ބޯޓުތައް މިވަގުތުވަނީ މަރާމާތަށް ގްރައުންޑުކޮށްފައިވާތީ ކަމަށެވެ.
"ފަތުރުވެރިކަމުގެ ސީޒަނާ ދިމާވި އިރު، އަޅުގަނޑުމެންގެ ބައެއް ބޯޓުތައް މިވަނީ މަރާމާތަށް ގްރައުންޑުކޮށްފަ. އެހެންވެ، ދަތުރުފަތުރަށް ބުރޫއެރިޔަ ނުދިނުމަށް މި ގެންނަނީ ދެ ބޯޓު." އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެތެރޭގެ އުދުހުންތަކަށް މިދުވަސްވަރު ވަރަށްބޮޑު ޑިމާންޑެއް އޮތް ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވެއެވެ.
މޯލްޑިވިއަންގެ ފްލައިޓްތައް މަރާމާތަށް ގްރައުންޑް ކުރާއިރު، އިތުރު ބޯޓު ޗާޓަރު ކުރާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ މިއީ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު ކަމަށްވާތީ، ޑިމާންޑުތަކާ އެއްވަރަށް ދަތުުރުތައް ބޭއްވޭނީ ބޯޓުތައް ޗާޓަރު ކޮށްގެން ކަމަށެވެ.
އެ ބޯޓުތައް ގެނައުމާ ގުޅޭގޮތުން އެންމެފަހުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ ދެ ބޯޓާއި އެއަރބަސް މަރުކާގެ ދެ ބޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް