މުޅި ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އެފްއެސްއެމް ކާމިޔާބު 20 އަހަރު: އައު އަހަރަކާ ކުރިމަތިލަނީ ފޮނި އުންމީދުތަކަކާއެކު

އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން މި ކުންފުނިން މިއަދު ހެނދުނު ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ އެސްޓީއޯ ގްރޫޕް ސީއީއޯ އަލްފާޟިލް ހުސެން އަމްރު މުހައްމަދު ރަޝ...

18 Dec 2020 | 17:30

އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން މި ކުންފުނިން މިއަދު ހެނދުނު ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ އެސްޓީއޯ ގްރޫޕް ސީއީއޯ އަލްފާޟިލް ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ. އަދި އެފްއެސްއެމްގެ ޗެއަރމަން އަލްފާޟިލް އަބްދުލް ވާހިދާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ މެނޭޖްމަންޓް އަދި ހުރިހާ މުހައްޒަފުން ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯ ގްރޫޕްގެ ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދު ވާހަކަފުޅު ދެއްކެވިއެވެ. އަމްރުގެ ވާހަކަފުޅުގައި 20 އަހަރު ދުވަހުގެ ޚިދުމަތަކީ ކުރުމުއްދަތެއް ނޫންކަމަށާއި، މިހާ ގިނަދުވަހު މެދުކެނޑުނަ ނުދީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވަރކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަހުރުވެރިވާންޖެހޭ ކަމެއް ކަމުގައި ފާހަގަކޮށްލެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އެފްއެސްއެމްއިންވެސް ހާލަތުތަކާއި ގުޅިގެން ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ.

އަދި މި ހަފްލާގައި އެސްޓީއޯއިން އެ ކުންފުނީގެ 8.5 މިލިއަން ލީޓަރ ސްޓޯރޭޖްގެ ތެޔޮ ޓޭންކަރ (އަލި ހުރަސް) އެފްއެސްއެމްއަށް ޓްރާންސްފަރ ކޮށްދެއްވާފައިވެއެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރު އެފްއެސްއެމް އަށް ލިބުމުން އެކަމަށް އަމްރު މަރުހަބާ ދެންނެވިއެވެ.

މި ހަފްލާގައި އަމްރު އަދި ގަސަމް ވަނީ އެސްޓީއޯ އައިފާނު ބިލްޑިންގް ގެ ނަން އެފްއެސްއެމް ބިލްޑިންގް ގެ ނަމަށް ބަދަލުކޮށް ނަންބޯޑު އިފްތިތާހް ކޮށްދެއްވާފައެވެ.

ހަފްލާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ 2019 ވަނަ އަހަރު ވެގެންދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑު ފައިދާއެއް ނެރުނު އަހަރު ކަމަށެވެ. އަދި 2020 ވަނަ އަހަރު ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކުގެ ސަބަބުން، މި އަހަރަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްނުކުރެވުނު ނަމަވެސް، 2021 ވަނަ އަހަރަށް ހެދިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް މުއައްޒަފުންގެ އަރިހުން އެދިލެއްވިއެވެ.

އަދި އެފްއެސްއެމްއާއި ގުޅުމަށްފަހު މުއައްޒަފުންގެ ޝަކުވާތައް އަޑުއައްސަވައި، މުއައްޒަފުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ. މިގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެފްއެސްއެމްއަށް އެކަށީގެންވާ ވަރުގެ އޮފީސް ޖާގައެއް ހޯދުމަށް އެސްޓީއޯއާއި ވާހަކައްދައްކަވައި، މިހާރު އެފްއެސްއެމް ހިންގާ އިމާރާތުން އިތުރު ހަތަރު ބްލޮކްގެ ޖާގަ އެފްއެސްއެމްއަށް ލިބިފައިވާކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ އިދާރީ މަސައްކަތްތައް ކުރައްވާ އެންމެހާ މުއައްޒަފުންނަށް އެތަނެއްގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަދުގެ ހަފްލާގައި އެފްއެސްއެމްއަށް 20 އަހަރު ދުވަހު މަސައްކަތްކޮށްދެއްވި ހަތަރު މުއައްޒަފަކަށް އެ މުއައްޒަފުންގެ ހިދުމަތް ފާހަގަކޮށް ހަނދާނީ ފިލާދެވުނެވެ.

އެފްއެސްއެމްގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަހަރުވެސް ގައުމަށް އިޖުތިމާއީ އަގުހުރި ހިދުމަތްފޯރުކޮށްދޭ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއަކަށް ފައިސާގެ އެހީދެވުނެވެ. މިގޮތުން އެހީދެވުނު ޖަމިއްޔާއަކީ ޖަމިއްޔަތުއްތައާވުން އެވެ. މިއަދުގެ ހަފްލާގައި މި އެހީ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރި އަލްފާޟިލް އިބްރާހިމް ރަޝީދު އަލީ އާއި ހަވާލުކޮށްދެއްވީ އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމްއެވެ.

މީގެ އިތުރުން މިއަދުގެ ހަފްލާގައި އެފްއެސްއެމް ބިލްޑިންގް ގެ ނަމާއެކު އިމާރާތުގައި ދިވެހި ދިދަ އާއި އެސްޓީއޯ އަދި އެފްއެސްއެމްގެ ދިދަ އުފުލިގެން ދިޔައެވެ.

އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ހިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ލޮޖިސްޓިކް ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެފްއެސްއެމް އަކީ ދިވެހި ރާއްޖޭގެ ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށްގެންދާ އެއް ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް