ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި، އެމް.ޓީ.ސީ.ސީ.އިން ނަމޫނާ ދައްކާ: ރައީސް

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމް.ޓީ.ސީ.ސީ.އިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާ...

18 Dec 2020 | 17:28

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމް.ޓީ.ސީ.ސީ.އިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީ.އަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އުފެއްދެވީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމް.ޓީ.ސީ.ސީ.ގެ މުޅި ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ފާހަގަކުރައްވައި، މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ.

މި ގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަޝްރޫޢުތަކުގެ ތެރެއިން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ މި ހުރަސްތަކާ އެކުވެސް، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމް.ޓީ.ސީ.ސީ.އަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއްކަމުގައެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ޤަބޫލުކުރެވޭތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ގޮތުން ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމުގައި ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައެވެ. އަދި ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއިން ވަރަށް އަވަހަށް އެމް.ޓީ.ސީ.ސީ.އާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ.ގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތެއް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް