އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރައިފި އެވެ.
ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނިކޮށް މި އަދަދަށް ކޮވިޑު ޖެހުނު މީހުން އުފުލިފައިވާ އިރު، މި ދަނޑިވަޅަކީ މޮޑާނާގެ ވެކްސިން ޖަހަން ފެށުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމުގެ ކަންކަންވެސް ކުރިއަށްދާ ވަގުތެކެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އަށް ވެކްސިނާއި ގުޅޭގޮތުން ލަފާދޭ ކޮމިޓީން ވަނީ މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިއްޔެ ހެނދުނު ބައްދަލުކޮށްފަ އެވެ. އަދި އިމަޖަންސީކޮށް ބޭނުންކުރަން މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމަށް އެމެރިކާގެ އެފް.ޑީ.އޭ އިން ރޭގެ ވަގުތެއްގަ ނިންމާފަވާ ކަމަށް ވަނީ މަޢުލޫޟާތު ލިބިފައެވެ.
އެޑްވައިޒަރީ ޕެނަލުން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިނަމަ މޮޑާނާ ވެކްސިންގެ ޝިޕްމަންޓްތައް އެމެރިކާއަށް ގެންނާނެ އެވެ. މިއާއެކު މޮޑާނާ ވެކްސިން ވެގެންދާނީ އެމެރިކާގައި އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދޭ ދެ ވަނަ ވެކްސިނަށެވެ.
މިދިޔަ ހަފްތާތެރޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު މިހާރުވެސް އެތައް ސަތޭކަ ސިއްހީ މަސައްކަތްތެރިންނަކަށް ވަނީ އެ ވެކްސިން ދީފަ އެވެ.
ނަމަވެސް އެމެރިކާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުން އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން ނެވެ. އަދި އެމެރިކާގެ އެކިކަންކޮޅުތަކުން ހޮސްޕިޓަލްގެ ސްޓާފުން އަންނަނީ ވައިރަސް ޖެހިގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަށީގެންވާ މިންވަރަށް ފަރުވާ ނުދެވިދާނެކަމުގެ އިންޒާރު ދެމުން ނެވެ.
އެމެރިކާގައި މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑްކޮށްފައި މިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެދުވަހު ދެ ލައްކަ ސާޅީސް ހަތްހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް