ހިޖުރަވެރިން ލައްވާ އަޅު މަސައްކަތް ހިންގުވާން ޗާބޫކު ހިފައިގެންތިބި ސައުދާގަރުންނާއި ނުފޫޒާއި ބާރުގަދަ ފަރާތްތައް ހުއްޓުވައިދެއްވާ

ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ހިޖުރަވެރިން ލައްވާ އަޅު މަސައްކަތް ހިންގުވާން ޗާބޫކު ހިފައިގެންތިބި ސައުދާގަރުންނާއި ސިޔާސީ ގޮތުން ނުފޫޒާއި ބާރުގަދަ ފަރާތްތައް...

18 Dec 2020 | 10:53

ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ހިޖުރަވެރިން ލައްވާ އަޅު މަސައްކަތް ހިންގުވާން ޗާބޫކު ހިފައިގެންތިބި ސައުދާގަރުންނާއި ސިޔާސީ ގޮތުން ނުފޫޒާއި ބާރުގަދަ ފަރާތްތައް ހުއްޓުވައިދެއްވުމަށް އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް) އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން މިކަމަށް ގޮވާލާފައިވަނީ ބައިނަލްއަގްވާމީ ހިޖުރަވެރިންގެ ދުވަހާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ދިވެހި އިޤްތިސާދަށް އެ ހިޖުރަވެރިންގެ ފުށުން ލިބޭ އަގުހުރި ޚިދުމަތް ފާހަގަކޮށް، ޝުކުރު ދަންނަވަމުން އެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކުރާގޮތުގައި ދިވެހިރާއްޖޭގައި 144،000 ބިދޭސީން، ހިޖުރަވެރި މަސައްކަތު މީހުންގެގޮތުގައި ދިރިއުޅެއެވެ. އޭގެތެރެއިން 60،000 އެއްހާ މީހުންނީ މަސައްކަތު ވިސާއާއި، ވަރކް ޕަރމިޓް ނެތް، ޤަވާޢިދަށް ނުފެތި ތިބި މީހުންނެވެ.

"ކަންމިހެން ހުރިއިރު، މިއަހަރުގެ ހިޖުރަވެރިންގެ ބައިނަލްއަޤްވާމީ ދުވަސް މިފާހަގަކުރެވެނީ ކޯވިޑް19 ގެ ބަލިމަޑުކަމާއެކު، ހިޖުރަވެރި މަސައްކަތްތެރިންގެ ޙައްޤުތަކަށް އިހުނަށްވުރެންވެސް ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިންގް ވޮޗްލިސްޓުގައި 2018 ގައި ދިވެހިރާއްޖެ ހިމެނި، އެލިސްޓުގައި އަދާ ހަމައަށްވެސް ދިވެހިރާއްޖެ އޮތްއިރު، ހިޖުރަވެރި މަސައްކަތްތެރިންގެ ޙާލަތު ކުރިއަށްވުރެންވެސް ގޯސްވެފައިވާ ތަންވަޅެއްގައެވެ.

2018 ގައި އެލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވަނީ ހިއުމަން ޓްރެފިކިންގްގެ މައްސަލަ ޙައްލުކުރުމަށް އެންމެ ކުޑަމިނުން އަޅާންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަމަށްޓަކައިކަމަށް އެމެރިކާ ސަރުކާރުން ބުނެފައިވެއެވެ. މިއާއެކު، އޮޅުވާލައިގެން ކޮންސްޓްރަކްޝަން އަދި ސަރވިސް ސެކްޓަރުގެ މަސައްކަތްތަކަށް ފިރިހެނުން އަދި ކުޑަކުދިންނާއި، އަންހެނުން ކަސްބީ ވިޔަފާރިއަށް ދިވެހިރާއްޖެއަށް ޓްރެފިކުކުރާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 2019 ގައި ޢާންމުކުރި “ޓްރެފިކިންގް އިން ޕަރސަންސް” ރިޕޯޓުގައި ލިޔެފައިވެއެވެ. އިންސާނުން ޓްރެފިކުކުރުމުގެ މި އިންސާނިއްޔަތާ ޚިލާފު ވިޔަފާރިން ދިވެހިރާއްޖޭގައި އަހަރަކު 1.9 ބިލިޔަން ދިވެހި ރުފިޔާ އުފައްދާކަމަށް 2011 ގައިވަނީ ލަފާކޮށްފައެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އޭޑީއެމްގެ މި ނޫސްބަޔާނުގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ ހިޖުރަވެރިންގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ސަރުކާރަށް އެ ޖަމްޢިއްޔާއިން ގޮވާލަނީ އޮޅުވާލައިގެން މަސައްކަތްތެރިން ރެކްރޫޓުކުރާ އޭޖެންސީތަކުގެ ނަމުގައި ރެޖިސްޓްރީކޮށްގެން ހިންގާ ހިއުމަން ޓްރެފިކިންގް ރިންގުތައް ބަންދުކުރުމަށް ކަމަށެވެ. އަދި އެރިންގުތަކާ ގުޅިގެން، ރިޝްވަތާއި، ނަހަމަ މުޢާމަލާތުން، ނުޙައްޤުން މުއްސަނދިކަން ހޯދާކަމަށް ތުހުމަތުކުރެވޭ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި އެންޑް އެމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނިމިކް ޑެވަލޮޕްމަންޓް ހިމެނޭގޮތުން، ދިވެހި ދައުލަތުގެ މުއައްޒަފުންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް ފާރަވެރިވެ، އެބައިމީހުން ހުއްޓުވުމަށެވެ.

މީގެއިތުރުން، އޮޅުވާލައިގެން ދިވެހިރާއްޖެ ޓްރެފިކުކުރާ ބިދޭސީ މަސައްކަތު މީހާއަށް، ހަމަ އުޖޫރަނުދީ އަޅު މަސައްކަތް ކުރުވުމާއި، އޭނާއަށް ހިޔާވަހިކަމެއް، އަދި ކާނޭ ބޯނޭ ފަދައެއް ނުދިނުންފަދަ ލާއިންސާނީ ޢަމަލުތައް ނިޒާމީގޮތެއްގައި ދިވެހިރާއްޖޭގައި ހިންގަމުންދާކަންވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރާކަމަށާއި މިކަންކަން ހިންގަނީ މިލިޔަނުން ފައިދާވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފައިސާވެރިން ހިމެނޭގޮތުން، ބޮޑެތި ވިޔަފާރިތަކެވެ. ބ. ބޮޑުފިނޮޅު ފަދަ ކިތަންމެ ޢިމާރާތްކުރަމުންދާ ރަށް ރަށެއްގައްޔާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބިދޭސީން ތިބީ އަޅު މަސައްކަތުގެ ކަސްތޮޅުގައިކަން ފާހަގަކޮށްފައިވެއެވެ.  އެއަޅު މަސައްކަތް ހިންގުވާން ޗާބޫކު ހިފައިގެން ތިބީ ބޮޑެތި ސައުދާގަރުންނާއި، ސިޔާސީގޮތުން ނުފޫޒާއި، ބާރުހުރި ފަރާތްތައް ކަންވެސް ފާހަގަކޮށްފައިވެއެވެ.

"ނޫސްމީޑިއާ ޚަބަރުތަކުން ސާފުވާގޮތުގައި މިހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި 7000 އަށްވުރެން ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފަވެއެވެ. އެހެންނަމަވެސް އޭގެތެރޭގައި އަނބުރާ ދިއުމަށް އެއްބަސްވީ ކިހާ މީހުނެއްކަމެއް، އަދި އެމީހުންނަށް ޙައްޤު އުޖޫރައާއި ބަދަލު ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް، އަދި ފޮނުވާލާފައިވާ ވަނީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ، ކިހާ މީހުނެއްކަމެއް ސާފެއް ނުވެއެވެ.  އަދި ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސީންނާ ގުޅޭގޮތުން އުފެދިފައިވާ މިދެންނެވި ސުވާލުތަކުގެ ސާފު ޖަވާބާއި، ކަމާބެހޭ ތަފާސްހިސާބު ޤަވާޢިދުން ޢާންމުކުރުމަށްވެސް މިޖަމްޢިއްޔާއިން ގޮވާލަމެވެ. ސަރުކާރުން މިކަމުގައި ޢަމަލުކޮށްފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، އިންސާނިއްޔަތުކަމާއެކުގައިކަން ކަށަވަރުކުރެވޭނީ އޭރުންނެވެ." އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގިނަ ޢަދަދުން ލޭބަރ ކޯޓާ ހޯދާ، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް، އެބައިމީހުންނާމެދު އިހުމާލުވުމުން، ދިވެހި ރައްޔިތުންގެ ޚަޒާނާއިން ޚަރަދުކޮށްފައި، އެބައިމީހުން ރާއްޖެއިން ފޮނުވާލާން/ފުރުވާލާން ޖެހޭކަމީވެސް ދިވެހި ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށާއި ހިޖުރަވެރި މަސައްކަތްތެރިންނާމެދު މެދު ނަހަމައިން ޢަމުލުކުރުން ހުއްޓުވުމަށް މިހިނދުން މިހިނދަށް ފިޔަވަޅު އަޅާ، އެބައިމީހުންނަށް ޙައްޤުވާ އުޖޫރަ ލިބޭނެ މަގު ހަމަޖެއްސުމަކީ އިންސާނިއްޔަކަމުގެ ފަރާތުންނާއި، ޤާނޫނީ ގޮތުންނާއި، ދީނުގެ ފުށުންވެސް ދިވެހި ދައުލަތުގެ މައްޗަށް ވާޖިބުކަމެއްކަން މިފުރުސަތުގައި ހަނދާންކޮށްދޭ ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އަހުދުތަކާއި، މުޢާހަދާތަކުގައިވެސް މިދެންނެވި މަގުން ޢަމަލުކުރުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކުރާކަން ހަނދާންކޮށްދެމެވެ. އަދި ބޮޑުފިނޮޅު މައްސަލާގައި ހައްޔަރު ކޮށްފައިވާ 19 ބިދޭސީ މަސައްކަތްތެރީންނާ ދެކޮޅަށް އުފުލާފައިވާ (ޓެރަރިޒަމް ފަދަ ހަރުކަށި އަދި އެކަށީގެންނުވާ) ޖިނާޢީ ދަޢުވާތައް މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ގޮވާލަމެވެ." އޭޑީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ދައުލަތުން ހިޖުރަވެރި މަސައްކަތްތެރިންނާމެދު އިހުމާލުވެފައިވާ މިންވަރުގެ ސަބަބުން، އެބައިމީހުންގެ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި އަޑުއުފުލާން މަޖުބޫރުވެފައިވާ ހިނދު، އެމަގަށް އެބައިމީހުން ކުރާ މަސައްކަތަކީ ދިވެހި ދައުލަތުގެ އިސްތިޤްލާލަށާއި، ސަލާމަތަށްހުރި ނުރައްކަލެއްކަމުގައި ދެކި، އިހްތިރާމާއި، ބަލައިގަތުންނެތް ނޭއްގާނީ ވަތަނީ ޝިޢާރެއްގައި މިމައްސަލައާ ކުރިމަތިލުމަކީ ބުއްދިވެރިކަމެއް ނޫންކަމުގައި އެ ޖަމްޢިއްޔާއިން ދެކޭ ކަމަށާއި އަދި ޤައުމީ ސަލާމަތަށް ނުރައްކާ ހުރީ އިހު ނަންގަތްފަދަ ފަދައިން، ދަނޑިމާރު އަޅައިގެން މައްސަލަ ހައްލުކުރާން ފައިނެގުމުންކަމުގައިވެސް އެ ޖަމިއްޔާއިން ދެކޭ ކަމުގައި ބުނެފައިވެއެވެ.

"އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެން ގިނައީ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިންކަމުގައި ވެފައި، އޭގެތެރެއިން ގިނަ ބައި މީހުންނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންކަމުގައިވާ ހިނދު، އަމުދުން ޝަރީޢަތާއި، ޖިނާޢީ ތަޙްޤީޤުފަދަ ޤާނޫނީ މަރުޙަލާތަކުގައި ތަރުޖަމާނުންގެ އެހީއާއި، އެބައިމީހުން މޮށިއުޅޭ ބަހުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދާއިމީ އިންތިޒާމުތަކެއް އެކަށައެޅުމީ އިންސާނީ ޙައްޤުތައް އިޙްތިރާމުކުރުމާއި، އަދި ޑެމޮކްރެޓިކް ސިފަތައް ދިވެހި ދައުލަތުގައި ޖެއްސުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މިޖަމްޢިއްޔާއިން ފާހަގަކުރަމެވެ." އޭޑީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޭސީއަކަސް ބިދޭސީއަކަސް، އެންމެހާ އިންސާނުންނީ ހަމަހަމަވެގެންވާ، ކަރާމާތާއި، ޤަދަރު ލިބި ތިބި ބައެއް ކަމަށާއި ނަސްލީ އިމްތިޔާޒާއި، ތަފާތުކުރުމަކީ ޖާހިލިއްޔަ ޒަމާނުގެ ނުބައިކަމުގެ ތެރެއިންވާ ވިޔާނުދާ ފިކުރިއްޔާތެއް ކަމަށެވެ. ވުމާއެކު، ހިޖުރަވެރިންގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ މިއަހަރުގެ މިދުވަހު، އެ ޖަމްޢިއްޔާއިން ގޮވާލަނީ ހިޖުރަވެރި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ފުށުން މާތްކަމާއި، ހެޔޮކަން ލިބިގަންނަ ބަޔަކަށް ދިވެހިންވުމަށް ހިންމަތްކުރުމަށް ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް