އިންސާނީ ވަގުފާރި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: މިނިސްޓަރ މާރިޔާ

އިންސާނީ ވަގު ފާރި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ހިޖުރަކުރާ މ...

18 Dec 2020 | 09:22

އިންސާނީ ވަގު ފާރި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބާގައި މިނިސްޓަރު މާރިޔާ ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

އެ މެސެޖުގައި މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގު ފާރީގެ ސީރިއަސްކަން ދަނެ، އެކަން ހުއްޓުވަން ވަރުގަދަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ވެސް އެއީ ކަމަށެވެ.

ދިވެހި މުޖުތަމައު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން ކޮށްފައިވާ މަސައްކަތާއި ވެފައިވާ ގުރުބާނީ ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވަނީ ހިޖުރަކުރާ މީހުންގެ ހައްގު ތަކަށް ބުރޫ ނާރާނެހެން، ރައްކާތެރިކަމާއެކު ހިޖުރަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްތައް ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން "ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން 2020-2022" އެކުލަވާލައި، މާލެ ސަރަހައްދުގައި އިންސާނީ ވަގު ފާރީގެ ޝިކާރައަކަށްވާ މީހުންނަށް ޚާއްސަ ހިޔާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސް ކުރުމަށް އެންޓި-ޓިޕް އޮފީހުގެ ނަމުގައި އޮފީހެއް ޑިފެންސް މިނިސްޓްރީގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރިއަށް ގެންދަނީ "ނެޝަނަލް އެންޓި-ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ" އިން ނެވެ. ކޮމިޓީގެ މަސައްކަތް ދެ އަހަރު ދުވަހު މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން ފެށީ މި ސަރުކާރުން ނެވެ.

އެގޮތުން ކުރިން 14 މެމްބަރުންގެ މައްޗަށް ހިމެނުނު ކޮމިޓީގެ މެމްބަރުންގެ އަދަދު 10 އަކަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް ސޯލިހު އެކުލަވާލެއްވި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަމުން ގެންދަވަނީ ޑިފެންސް މިނިސްޓްރީން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް