އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ އަމިއްލަ އަށް މަރުވުން: ޚުތުބާ

ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ވަބާ އަކީ އަމިއްލައަށް މަރުވުމުގެ ވަބާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. އެއީ އިސްލާމްދީނުގައި ހަރާމް ކު...

18 Dec 2020 | 09:14

ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ވަބާ އަކީ އަމިއްލައަށް މަރުވުމުގެ ވަބާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އެއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ، ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާއި އަމިއްލައަށް މަރުވުމުގެ ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަށްޓަކައި، ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމް އެފަދަ މީހުންގެ ޖަނާޒާގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމުގައި ހަދީޡްތަކުން ވާރިދުވެގެން އައިސްފައިވާ ކަމަށެވެ.

އަމިއްލައަށް މަރުވުމަށް ދިމާވާ ކަމަށް ބުނާ ސަބަބުތަކުގެ ތެރެއިން އެއްކަމަކީ ނަފްސާނީ ބަލިކަމާއި އަނެއް ސަބަބަކީ ފިލްމުތަކާއި ކާޓޫނުތައް ކަމުގައި ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

"އެތަކެތީގައި ދައްކާ މަންޒަރުގެ ސަބަބުން އެކަމަށް ޝައުގު އުފެދޭ. ހަމަ އެހެންމެ އިސްލާމީ ރިވެތި އުސޫލްތަކުން ބޭރުވެ ޖިހާދުގެ ނަމުގައި ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވުމަށް އޮތް ހަމައެކަނި ސަބަބުކަމުގައި ބުނެ ވިސްނައިދީ، ބަޔަކު އެކަމަށް ހިތްވަރުދެމުން ގެންދިއުމަކީ ވެސް އަމިއްލައަށް މަރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް." ޚުތުބާގައި ބުނެފައި ވެއެވެ.

ހަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބަކީ، ﷲގެ ނިޔާފުޅަށް ނުރުހުމާއި ﷲ އިންސާނާ އިމްތިހާނު ކުރައްވަން ޖައްސަވާ އިމްތިހާނުތަކަށް، ކެތްތެރިނުވުން ކަމަށާއި ﷲގެ ނިޔާއަށް ރުހުމަކީ އީމާންކަމުގެ ރުކުނެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބަޔާން ކޮށްފައެވެ.

ކަންތައްތަކާ ކެރިގެން ކުރިމަތިލުމަށް އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ކަމަށާއި، ނަބިއްޔާ އަޅުގަނޑުމެންގެ އުންމަތް، ތަރުބިއްޔަތު ކުރައްވާފައި ވަނީ ހިތްވަރުގަދަ، ކެރޭ، ކުޅަދާނަ ﷲގެ ނިޔާފުޅަށް ރުހި ގަބޫލުވެގެންވާ ބައެއްގެ ގޮތުގައި ވުމަށް ކަމުގައި ވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް